މިއަތޮޅުގެ އެންމެ ހިންގުންތެރި އެއް ކައުންސިލަކީ ކެނދިކުޅުދޫ ކައުންސިލެވެ. އެ ކައުންސިލުން މި ވަނީ އެ ރަށުގައި މުހިންމު މަޝްރޫއެއް ފަށައިފަ އެވެ. ރައްޔިތުންގެ ސަލާމަތްތެރިކަން އިތުރުކޮށް ރަށް ބެލެހެއްޓުން ހަރުދަނާކުރުމުގެ ގޮތުން ރަށުގެ އާންމު ތަންތާ ސީސީޓީވީ ކެމެރާ ހަރުކޮށް ރަށް ބެލެހެއްޓޭނެ ޑިޖިޓަލް ނިޒާމެއް ގާއިމްކުރުމުގެ ފުރަތަމަ މަރުހަލާ މިވަނީ ފުރިހަމަކޮށްފަ އެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް، މުހައްމަދު ރައޫފް މިއަދު 'ނޫނު ނިއުސް'އަށް ވިދާޅުވި ގޮތުގައި ބަނދަރުމަތީ ވަނީ 9 ސީސީޓީވީ ކެމެރާ ހަރުކޮށްފަ އެވެ. އަދި އެ ކެމެރާތައް މެދުވެރިކޮށް މުޅި ބަނދަރު 24 ގަޑިއިރު މޮނީޓާކުރަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފްތާ ވަނީ ކެމެރާތައް ލައިވްކޮށް މޮނީޓާކުރަން ފަށައިފަ އެވެ. 

ބަނދަރުގައި ކެމެރާ ހަރުކުރަން ނިންމީ ރައޫފް ވިދާޅުވި ގޮތުގައި ޑިޖިޓަލް ނިޒާމަކުން ރަށް މޮނީޓާކުރުމަށް އެ ކައުންސިލުން ފަށާފައިވާ މަސައްކަތުގެ ދަށުންނެވެ. 

"ބަނދަރުން މިކަން މި ފެށީ ބަނދަރަކީ ވަރަށް ގިނަ ވިޔަފާރި ހަރަކާތްތައް ހިނގާތަނަކަށް ވާތީ، އެތަނުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަކީ މުހިންމު ކަމަކަށް ވާތީ. ހާއްސަކޮށް ތެޔޮ ފަދަތަކެތި ގެންގުޅޭ ތަނެއް ބަނދަރަކީ އަދި ވަރަށް ގިނަ މުދާ ވެސް ބަނދަރަށް ބާލާފައި ބަހައްޓާ ހަދާ،" ރައޫފް ވިދާޅުވި އެވެ.

ކެނދިކުޅުދޫ މަގެއްގެ މަތި: އެ ރަށަކީ މިއަތޮޅުގެ ބިމުގެ ގޮތުން އެންމެ ބޮޑު ރަށް (ފޮޓޯ/މޯލްޑިވްސް ވާޗުއަލް ޓުއާ)

އޭނާ ވިދާޅުވީ ފަޅުގައި ހުންނަ ލޯންޗުތަކުން ޕެޓްރޯލް ވަގަށް ނެގުމުގެ ޝަކުވާތަކެއް ވެސް މިފަހުން ފެންމަތިވި ކަމަށާއި ސީސީޓީވީ ކެމެރާ ހަރުކުރުމުން އެފަދަ ކަންކަން ހުއްޓުވޭނޭ ކަމަށެވެ. އަދި ރަށަށް ލަފާ ފުރާ އުޅަނދުތަކުގެ އަދަދު ވެސް ދެނެގަނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"މި މަޝްރޫއުގެ ދަށުން ރަށުގެ އެހެނިިހެން އާންމު ސަރަހައްދުތަކުގައި ކެމެރާ ބަހައްޓައި ވަނީ މޮނީޓާ ކުރަން ނިންމާފައި." ރައޫފް ވިދާޅުވި އެވެ. 

އެގޮތުން ރަށުގެ އިތުރު 9 އިޖުތިމާއީ ސަރަހައްދެއްގައި ކެމެރާ ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން ކުރަނީ އުރީދޫއިން އެ ރަށުގައި ގާއިމްކުރާ ފައިބާ ކޭބަލް ނެޓްވޯކުގެ އެހީގައި ކަމަށް ވެސް ވިދާޅުވި އެވެ. 

ކެނދިކުޅުދޫ: މިއީ ގުދުރަތީ ގޮތުން މުއްސަނދި ދިރުންތަކެއް ލިބިފައިވާ ރަށެއް (ފޮޓޯ/މޯލްޑިވްސް ވާޗުއަލް ޓުއާ)

ރައޫފް ފާހަގަކުރެއްވި ގޮތުގައި، ބަނދަރުގައި ކެމެރާ ހަރުކުރީ ކައުންސިލްގެ ބަޖެޓުންނެވެ. އެ މަޝްރޫއަށް 10،000ރ. ހަރަދުކުރި އެވެ. އެ މަސައްކަތުގެ އަމަލީ މަސައްކަތްކޮށްފައި ވަނީ އުރީދޫއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"އުރީދޫގެ ފައިބާ ނެޓްވޯކުގެ މަސައްކަތް މިއަދު މިފެށީ މި ރަށުގައި. އެއާ އެކު އަޅުގަނޑުމެން މި އުޅެނީ ޑިޖިޓަލްކޮށް ކައުންސިލްގެ އެނައުސްމަންޓުތަކާ މި އެއްޗިހި ވެސް ރައްޔިތުންނަށް ލިބޭނޭ ގޮތް ހަދަން،" ރައޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލްގެ މި ދައުރު ނިމުމުގެ ކުރިން އެ މަޝްރޫއު އެކީ ނިންމާލަން އަމާޒުކޮށްފައިވާ ކަމަށެވެ.