ރަށުން ބޭރަށް ދަތުރުނުކޮށް، ރަށުގައި ތިބެގެން ފަސޭހަކަމާއެކު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އިންތިޒާމު ކެނދިކުޅުދޫ ކައުންސިލުގެ އިދާރާއިން ހަމަޖައްސައިފި އެވެ. 

ކައުންސިލުން ޕާސްޕޯޓް ހިދުމަތް ފެށީ މި މަހުގެ 19ވަނަ ދުވަހުން ފެށިގެންނެވެ.

އެކަން އިއުލާން ކުރަމުން ކައުންސިލުން ގެޒެޓްކުރި އިއުލާނުގައި ވަނީ ކެނދިކުޅުދޫ ކައުންސިލުގެ އިދާރާއިން މި ހިދުމަތުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދޭ ކަންކަމާއި ހިދުމަތް ލިބޭނެ ވަގުތުތަކުގެ ތަފްސީލް ހާމަކޮށްފަ އެވެ. އެގޮތުން: ލިބޭނެ ހިދުމަތްތަކަކީ:

  • އަލަށް ޕާސްޕޯޓް ހެއްދުމަށް އެދި ހުށަހެޅުމާއި ޕާސްޕޯޓް އާއުކުރުމަށް އެދި ހުށަހެޅުން
  •  އޮންލައިންކޮށް ފޯމު ފުރުމާއި ލިޔެކިޔުންތައް އަޕްލޯޑް ކުރުމުގެ އެހީތެރިކަން

ހިދުމަތް ދޭ ގަޑިތަކަކީ، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9އިން މެންދުރުފަހު 1އަށް

ކައުންސިލުން ވަނީ އިތުރު މައުލޫމާތު ކައުންސިލްގެ ފޯނު ނަންބަރު 6560013 އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ ކަމަށެވެ. 

ރަށުގައި ތިބެގެން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ މަގު ތަނަވަސްވެގެން ދިއުމަކީ، ޕާސްޕޯޓް ހެއްދުމަށާއި އާއުކުރުމަށް އެހެން ރަށްތަކަށް ނުވަތަ މާލެއަށް ކުރަންޖެހޭ ދަތުރުތަކާއި ހަރަދުތައް ކުޑަވެ، ކެނދިކުޅުދޫގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.