ބޮޑީބޯޑިން ދަސްކޮށްދިނުމަށް މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ކުރިއަށް ގެންދާ ގައުމީ ބޮޑީބޯޑިން ޕްރޮގްރާމް، "ހުދު ފޮނު"ގެ ތިންވަނަ ކްލިނިކް ރޭ ޅޮހީގައި ވަނީ ނިންމާލައިފަ އެވެ. ޅޮހީގެ ޒުވާނުންގެ ޖަމްއިއްޔާއެއް ކަމަށްވާ، ސާފް ސްކޮޔާއާ ގުޅިގެން ބޭެއްވި އެ ކްލިނިކް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބޮޑީ ބޯޑިން އެސޯސިއޭޝަންގެ ރައީސް، ހުސެއިން ނިޒާމް މުހިންމު ކަމެއް ފާހަގަކުރެއްވި އެވެ. 

"ރާޅާ އެޅުމުގެ ދެން އޮތް ޖީލު ބިނާކުރުމަށް މި ގެންދާ ޕްރޮގުރާމުގައި މިއަދަކީ އަނެއްކާ އާ ބޮޅެއް އެޅިގެން ދިޔަ ދުވަހެއް. މިހާތަނަށް ދިވެހިރާއްޖޭގައި ކުލިނިކެއްގައި އެންމެ ގިނަ ކުދިން ބައިވެރިވެގެން  އިރާދަކުރެވިއްޔާ ވަރަށް ފުރިހަމަކަމާ އެކު ގޮސް މި ނިންމާލެވުނީ ނ. ޅޮހީގައި،" ނިޒާމް ވިދާޅުވި އެވެ.

ނިންމުމުގެ ހަފްލާގައި ބޮޑީ ބޯޑިން އެސޯސިއޭޝަންގެ ރައީސް ވާހަކަ ދައްކަވަނީ (ފޮޓޯ/ޖަވިޔަނި މީޑިއާ)

މި މަހުގެ 26 އިން 28އަށް ކުރިއަށް ގެންދިޔަ ކުލިނިކުގައި ޖުމްލަ 68 ކުދިން ވަނީ ބައިވެރިވެފަ އެވެ. މީގެ ކުރިން ހުދު ފޮނު ކުލިނިކުގައި މިހާ ގިނަ ކުދިން ބައިވެރިވެފައެއް ނުވެ އެވެ. މިއީ ރެކޯޑެކެވެ.  

ސާފް ސްކޮޔާގެ ރައީސް، އަލީ ނަޒީރު ވިދާޅުވީ ހީކުރި ވަރަށް ވުރެ ވެސް ބޮޑު ތަރުހީބެއް ޅޮހީން މި ކުލިނިކަށް ލިބުނު ކަމަށެވެ. 

"އުންމީދު ކުރިވަރަށް ބޮޑަށް ދަރިވަރުން މި ވަނީ ބައިވެރިވެފައި،" ނަޒީރު ވިދާޅުވި އެވެ. 

ހުދުފޮނު ޕްރޮގްރާމްގައި އަންހެން ބައިވެރިއަކު ބޮޑީބޯޑުން ދަސްކުރަނީ (ފޮޓޯ/ޖަވިޔަނި)

ނިޒާމް ފާހަގަކުރެއްވި ގޮތުގައި ހުދު ފޮނު ޕްރޮގްރާމުގައި ޅޮހީން ގިނަ އަންހެން ކުދިން ވެސް ބައިވެރިވި އެވެ. ނިޒާމް ވިދާޅުވީ ޅޮހީން ކްލިނިކުގައި ބައިވެރިވި އަންހެން ކުދިންގެ ރާޅާ އެޅުމުގެ ހުނަރު ވަރަށް ބޮޑަށް ފާހަގަކޮށްލެވެ އެވެ. ހީކުރި ވަރަށް ވުރެ އެ ކުދިން މާ މޮޅެވެ. 

"ވަރަށް ހުނަރުވެރި އަޅުގަނޑަށް ވެސް ގަބޫލެއް ނުކުރެވޭ އަޅުގަނޑު އައިސް މަޑުކޮށްލިއިރު މިކަހަލަ ބޮޑު ބިޔަ ރާޅުތަކެއްގެ ތެރޭގައި އެ ކުދިންގެ ފަރިތަކަށް ފެނިގެން ދިޔައިމާ އަޅުގަނޑު މި ހުރީ ވަރަށް އުފާވެފައި. އިރާދަކުރެއްވިއްޔާ މި ކުދިންގެ ދެން އޮތް ސްޓޭޖަށް ދާން އެހީވާނަން،" ނިޒާމް ވިދާޅުވި އެވެ. 

ހުދުފޮނު ޕްރޮގްރާމުގައި ބައިވެރިވި ކުދިން ސެޝަންއެއްގައި (ފޮޓޯ/ޖަވިޔަނި މީޑިއާ)

ބައިވެރިންގެ ތެރޭގައި 42 ފިރިހެން ކުދިން ތިބިއިރު، 19 އަންހެން ކުދިން ވަނީ ބައިވެރިވެފަ އެވެ. އޭގެތެރޭގައި ހިމެނެނީ އުމުރުން 10 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ.

ނިޒާމް ވިދާޅުވީ ޅޮހީގެ ރާޅާ އެޅުންތެރިންނަށް މުބާރާތްތަކުގައި ވާދަކޮށް އެ ކުދިންގެ ހުނަރު ތަރައްގީކުރަން މަގުފަހިކޮށްދެއްވާނޭ ކަމަށެވެ. އަދި ވާދަވެރި މުބާރާތްތަކަށް ދެވެން ފެށުމުން މިހާރަށް ވުރެ އެ ކުދިންގެ ހުނަރު އިތުރުވާނޭކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވަނީ ރާޅާ އަޅަން ޝައުގުވެރިވާ ރަށު ކުދިންނަށް މުހިންމު ނަސޭހަތެއް ވެސް ދެއްވައިފަ އެވެ. ވަރުބަލިނުވެ ހިތްވަރާ އެކު މަސައްކަތް ކުރުމެވެ. 

ސާފް ސްކޮޔާގެ ރައީސް ސެޝަންއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ޖަވިޔަނި މީޑިއާ)

"ތިކުދިން ހިތްވަރެއް ހުރެއްޖިއްޔާ އަޅުގަނޑުމެން މިތިބީ އެއްބާރުލުން ދޭން. އަޅުގަނޑަށް އެބަފެނޭ މި ރަށުން ވެސް އެ މަންޒަރު. ސްޕޮންސަރުން، ރަށުގެ މުއައްސަސާތަކުގެ ވެރިން އެބަ ވަރަށް މަސައްކަތްކުރައްވާ ތި ކުދިން ކުރިއަރުވަން. ތިކުދިން ވަރަށް މަސައްކަތްކުރާތީ ކުރިއަށްދާން. ކުރިއަށް ދާން ފުރުސަތުތައް އެބަހުރި،" ނިޒާމް ވިދާޅުވި އެވެ. 

ހުދު ފޮނު ކުލިނިކުގައި ތިއަރީ ކްލާސް ތަކަކާއި ޕްރެކްޓިކަލް ކްލާސްތަކެއް ވަނީ ނަގައިދީފަ އެވެ. އެ ކްލާސްތައް ނަގައިދިނީ ރާއްޖޭގެ ފުންނާބު އުސް ބޮޑީބޯޑަރުންނާއި ސާފް ގައިޑުން ޅޮހީއަށް ގޮހެވެ.

ޅޮހީގައި ބޭއްވި ހުދު ފޮނު ކުލިނިކަކީ މިއީ އެ ސިލްސިލާގެ ތިންވަނަ ޕްރޮގުރާމެވެ. މިއަހަރު ދެމް ކްލިނިކް ހިންގާ އިތުރު ރަށްރަށަކީ ބ.މާޅޮސް، ފުވައްމުލައް، ތ.ހިރިލަންދޫ އަދި ދ.ކުޑަހުވަދޫ އެވެ.