މި އަތޮޅު ޅޮހީގެ ބޮޑުއޮޅު ސާފް ޕޮއިންޓް ބައިނަލްއަގުވާމީ ފެންވަރަކަށް ތަރައްގީކޮށްދޭން ރައީސް ޑރ.މުހައްމަދު މުއިއްޒު ވެފައިވާ ވައުދާ އެއްގޮތަށް އަމަލީ މަސައްކަތް ނުފެށި ލަސްވަމުންދާތީ، އެ ރަށުގެ ޒުވާނުންގެ ޖަމިއްޔާއެއް ކަމަށްވާ 'ސާފް ސްކޮއާ' އިން ކަންބޮޑުވުން ފާޅުކޮށް އެ މަޝްރޫއު ވީހާވެސް އަވަހަކަށް ފެށުމަށް ގޮވާލައިފި އެވެ.
ރައީސްގެ ވައުދުފުޅާއި މިހާރުގެ ހާލަތު
ސަފް ސްކޮއާއިން މިިދިޔަ މަހުގެ ފަހުކޮޅު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި 20 ސެޕްޓެމްބަރު 2023ގައި ބޮޑުއޮޅު ސާފް ޕޮއިންޓް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ކަމަށެވެ. އަދި އޭގެ ފަހުން، 24 ޖުލައި 2025ގައި ޅޮއްސަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި، 2025 ވަނަ އަހަރު ނިމުމުގެ ކުރިން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައި ކަމަށް ބަޔާނުގައި ފާހަގަކުރި އެވެ.
ނަމަވެސް، މިއަދާ ހަމައަށްވެސް އެއްވެސް މަސައްކަތެއް އެތަނުގައި ފަށާފައި ނުވާކަން ފާހަގަކުރަމުން އެ ބަޔާނުގައި ބުނީ، މަޝްރޫއު ކުރިއަށްދާ ގޮތުގެ އެއްވެސް ރަސްމީ މައުލޫމާތެއް ލިބިފައި ނުވާކަމަށެވެ.
ސާފް ސްކޮއާއިން ސަރުކާރަށް ގޮވާލި މައިގަނޑު ކަންކަމަކީ:
- މަސްރޫއުގެ މިހާރުގެ ހާލަތު ރަސްމީކޮށް، އަދި ލަސްނުކޮށް ސާފުކޮށްދިނުން.
- އިތުރަށް ލަސްކުރުމެއް ނެތި މަސްރޫއުގެ އަމަލީ މަސައްކަތް ވީހާ އަވަހަކަށް ފެށުން.
- ރައީސް ވެފައިވާ ވައުދާ އެއްގޮތަށް މަސައްކަތް އެއްކޮށް ފުރިހަމައަށް ނިންމުން.
ޅޮހީ ޒުވާނުންގެ ބޮޑު އުންމީދެއް
ބޮޑުއޮޅު ސާފް ޕޮއިންޓަކީ ހަމައެކަނި މުނިފޫހިފިލުވާ ތަނެއް ނޫން ކަމަށާއި އެއީ ޒުވާނުން ބާރުވެރިކުރުވުމަށާއި ރާއްޖޭގެ ރާޅާއެޅުމުގެ ސަގާފަތް ކުރިއެރުވުމަށް އޮތް ވަރަށް މުހިންމު ފުރުސަތެއްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން، ރައްޔިތުންނަށް ސީދާ ގޮތެއްގައި ވެފައިވާ މި ވައުދު ފުއްދައި، އަމަލީ ނަތީޖާ ފެނިގެންދާނެ ކަމުގެ އިންތިޒާރުގައި ޅޮހީގެ ރައްޔިތުން ތިބިކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.