މި އަތޮޅުގައި ހިންގާ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން 2021 ވަނަ އަހަރު ފެށި "ފެހިކުރަމާ" ޕްރޮގްރާމުން ނ. އަތޮޅުގައި ދެމެހެއްޓެނިވި ތަރައްގީ އާއި ތިމާވެއްޓާ ރައްޓެހި އާދަތައް އަށަގެންނެވުމަށް މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
މި އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމުން ދައްކުވައިދެނީ ރިސޯޓުތަކާއި އަތޮޅުގެ ރަށްތަކާ ދެމެދު އޮންނަ ގާތް ގުޅުމާއި، އަތޮޅުގެ ހުރިހާ ރަށަކަށް ހަމަހަމަކަމާއެކު އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދެއްވުމަށް ވެލާގެ ވެރިޔާ ސްމެޖްކް ދޭ ހާއްސަ އަހައްމިއްޔަތުކަމެވެ.
ތިމާވެއްޓާ ރައްޓެހި ދިރިއުޅުމަކަށް މަގުފަހިކުރުމުގެ ގޮތުން ވެލާއިން ވަނީ ރަށު ކައުންސިލްތަކާއި ވިޔަފާރިތަކާ ގުޅިގެން ގަނޑުކޮށް ތަކެތި ވިއްކާ ނިޒާމު (ބަލްކް ސެލިންގް) ތައާރަފުކޮށް، އަމިއްލަ ރަށުގައި ހައްދާ ތަކެތި ކެއުމުގައި ބޭނުންކުރުމުގެ (ފާމް-ޓު-ޓޭބަލް) ވިސްނުން ކުރިއަރުވާފަ އެވެ.
މީގެ އިތުރުން، އަތޮޅުގެ ހުރިހާ ރަށަކަށް ގްރީންހައުސް އާއި ހައިޑްރޯޕޯނިކްސް ސިސްޓަމްތައް ފޯރުކޮށްދީ، ދިވެހި ޖަމިއްޔާއެއް މެދުވެރިކޮށް ކަމާގުޅޭ ތަމްރީނުތައް ވަނީ ދީފައެވެ. ނ. އަތޮޅުގެ ފުރަތަމަ ގްރީންހައުސް މަޝްރޫއު ހަގީގަތަކަށްވެގެން ދިއުމާއެކު، މިއީ އަތޮޅުގައި ތަރުކާރީ އާއި ފަތްޕިލާވެލި ހައްދައި، ކާބޯތަކެތީގެ ފުދުންތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ނ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް އެހީތެރިކަން
2024 ވަނަ އަހަރުގެ "ފެހިކުރަމާ" ޕްރޮގްރާމުގެ އެންމެ މުހިންމު އެއް އަމާޒަކަށް ވެގެންދިޔައީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ އަންހެން ކުދިންނަށް ހާއްސަކޮށްގެން 2022 ވަނަ އަހަރު މި އަތޮޅު މަނަދޫގައި ގާއިމުކުރި "އަމާން ވެށި" ސެންޓަރަށް ދެމުންގެންދާ އެހީތެރިކަން ދެމެހެއްޓުމެވެ. މި މަރުކަޒުން ދަނީ އެކި ސަބަބުތަކާ ހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ބޮޑެތިވަންދެން ނުވަތަ އާއިލާއާ އަލުން ހަވާލުކުރެވެންދެން، އެ ކުދިންނަށް ތައުލީމާއި، ރަނގަޅު ތަރުބިއްޔަތާއި، އާއިލީ ލޯބި ލިބޭނެ ފަދަ އަމާން މާހައުލެއް ފޯރުކޮށްދެމުންނެވެ.
މި ކުދިންގެ އަސާސީ ބޭނުންތައް ސަރުކާރުން ފުއްދައިދިން ނަމަވެސް، ކުދިންގެ ހުނަރާއި ކުރިއެރުމަށް ބޭނުންވާ އިތުރު ހަރަކާތްތައް ހިންގުމަށް މި މަރުކަޒުން ބޮޑަށް ބަރޯސާވަނީ އެކި ފަރާތްތަކުން ދޭ ދީލަތި އެހީތަކަށެވެ.މިގޮތުން، ވެލާއިން ވަނީ އެ މަރުކަޒުގެ މީޓިންގް ރޫމްގެ ފެންވަރު ރަނގަޅުކޮށް، ކުދިން ފޮތްކިޔުމާއި އުނގެނުމަށް ޝައުގުވެރިކުރުވުމުގެ ގޮތުން ހިތްފަސޭހަ "އައުޓްޑޯ ލައިބްރަރީ" އެއް ގާއިމުކޮށްދީފަ އެވެ. މި ބަދަލުތަކުން ދައްކުވައިދެނީ މަނަދޫ އަމާން ވެށީގައި ތިބި ކުދިންގެ ތައުލީމާއި ޝަހުސިއްޔަތު ބިނާކުރުމަށް ވެލާއިން ދޭ ހާއްސަ ސަމާލުކަމެވެ.
ފެހިކުރަމާގެ 4 ވަނަ އަހަރު: އަމިއްލަ އުފެއްދުންތަކާއި އަތްތެރި މަސައްކަތް
މީގެ މައިގަނޑު މަގުސަދަކީ ފެކްޓްރީތަކުން އުފައްދާ ތަކެއްޗަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލައަށް ތަކެތި އުފެއްދުމުން ތިމާވެއްޓަށާއި، އިގުތިސާދަށާއި، ސިއްހަތަށް ލިބޭ ފައިދާތަކަށް އާންމުން ހޭލުންތެރިކުރުވުމެވެ.
މީގެ އިތުރުން، މި ޕްރޮގްރާމުގެ ދަށުންނާއި ވެލާއަށް ޒިޔާރަތްކުރި ފަތުރުވެރިއެއްގެ ދީލަތި އެހީތެރިކަމާއެކު، ނ. އަތޮޅުގެ 13 ރަށަށް "ޝްރެޑާ" (ކުނި ހިމުންކުރާ މެޝިން) ވަނީ ހަދިޔާކޮށްފައެވެ. މިއީ ބަދިގެއިން އުފެދޭ ކުނި ފަސޭހަކަމާއެކު ކާދަށް ބަދަލުކޮށް، އަތޮޅުގެ ރަށްތަކުގައި ކުރިއަށްގެންދާ ކާދު ހެދުމުގެ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ހަމައެއާއެކު، ކުޑަކުދިންގެ މެދުގައި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކޮށް، ކުނި މަދުކުރުމާއި ރީސައިކަލް ކުރުމުގެ އާދަ އަށަގެންނެވުމަށްޓަކައި ކުދިންނަށް ހާއްސަ ވޯކްޝޮޕްތަކެއް ވެސް ވަނީ ބާއްވާފައެވެ.
ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުން
ކުނި މެނޭޖްކުރުމާއި ޕްލާސްޓިކް މަދުކުރުމަށް ކުރީ އަހަރުތަކުގައި ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް، 2024 ވަނަ އަހަރު ވެސް "ފެހިކުރަމާ" އިން ވަނީ ތިމާވެށި ހިމާޔަތްކުރުމާއި، ތައުލީމާއި ހޭލުންތެރިކަން އިތުރުކުރުމަށް ރައްޔިތުންގެ ބައިވެރިވުމާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
"ފެހިކުރަމާ ޕްރޮގްރާމުގެ ހަތަރުވަނަ އަހަރު ހާސިލުކުރެވުނު ކާމިޔާބީތަކާ މެދު އަޅުގަނޑުމެން ފަހުރުވެރިވަން. މި މަސައްކަތްތަކުން ދައްކުވައިދެނީ ދެމެހެއްޓެނިވި ތަރައްގީއަށާއި، ނ. އަތޮޅުގެ ރައްޔިތުންނަށް ދާއިމީ މަންފާތަކެއް ހޯދައިދިނުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން،" ވެލާ ޕްރައިވެޓް އައިލެންޑްގެ ޖެނެރަލް މެނޭޖަރު ވޭން މިލްގޭޓް ވިދާޅުވި އެވެ.
"ފެހިކުރަމާ" ޕްރޮގްރާމުގެ ހަތަރުވަނަ އަހަރު ކާމިޔާބުކަމާއެކު ނިންމާލިއިރު، ވެލާ ޕްރައިވެޓް އައިލެންޑްގެ އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ނ. އަތޮޅުގެ ރަށްތަކުގެ ދުޅަހެޔޮކަމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ކޮށްދިނުމެވެ.