އުމުރުން 23 އަހަރުގެ އާލިމް އަބްދުއްލަތީފަކީ މި އަތޮޅު މާފަރަށް ނިސްބަތްވާ ހުނަރުވެރި ޒުވާނެކެވެ. ނޫސްވެރިއެކެވެ. 'ނުކުތާ'ގެ ނަމުގައި ޒަމާނީ މީޑިއާ ހައުސްއެއް ހަދައިގެން މި ޒަމާނުގެ ބީޓަށް އާންމުންނަށް ހަބަރާއި މައުލޫމާތު ފޯރުކޮށްދެ އެވެ. މަލާމާތާއި ފާޑުކިޔުމާއި ގޮންޖެހުމުގެ ތެރޭން ވެސް ޒުވާން ޓީމަކާ އެކު އޭނާ އެ ދަނީ ކުރިއަށެވެ. ގަދަ ހިތްވަރު ކުރަމުންނެވެ.
އެ މަސައްކަތުގެ ތެރެއިން އޭނާއަށް މި ވަނީ މި ޒަމާނުގައި ދިވެހި ޒުވާނުންނަށް އާންމުކޮށް ނުލިބޭނޭ ފަދަ ނަސީބެއް، ފުރުސަތެއް މިފަހުން ލިބިފަ އެވެ.
މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ފުރުސަތު ލިބުނު ދިވެހިންގެ ތެރެއިން އެންމެ ޒުވާން މީހަކީ އާލިމް އެވެ. އެ ނަސީބު އޭނާގެ އަތުގައި ހިފީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އިސްލާމީ ގައުމުތަކަށް ކޮންމެ އަހަރަކު ވެސް ދެއްވާ ހައްޖުގެ ހާއްސަ ފުރުސަތުތަކުން، ފުރުސަތެއް އޭނާއަށް މިއަހަރު ލިބުމުންނެވެ.
- މިއީ އާންމުކޮށް ހައްޖަށް ދާން، ރާއްޖެއަށް ކޮންމެ އަހަރަކު ވެސް ދީފައިވާ ކޯޓާއާ މުޅިން ބޭރު، ސަލްމާން ރަސްގެފާނުގެ ހާއްސަ ދައުވަތެއް. އެކަމުގެ ހުރިހާ ކަމެއް ހަމަޖައްސައި އެ ފުރުސަތުތަކަށް މީހުން ނަގަނީ ވެސް ސީދާ ސައުދީ އެމްބަސީން-
ސަލްމާން ރަސްގެފާނުގެ ދައުވަތާ އެކު ޒުވާން އުމުރުގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި ކުރެވުނު ތަޖުރިބާ އޭނާ، 'ނޫނު ނިއުސް'އާ ހިއްސާކުރި އެވެ.
އާލިމް ބުނި ގޮތުގައި މިއީ އޭނާއަށް އެތައް ފިލާވަޅެއް ދަސްކޮށްދިން، ދަތުރެކެވެ. މީގެ ކުރިން ވިސްނައި ނުގަނެވިފައި ހުރި ގިނަ ކަންކަން ހަނދާނަށް ގެނުވި އެވެ. ހަޔާތުގައި ދުވަސްތައް އާރާސްތުކުރާނޭ ގޮތުގެ އާ މަގު ޗާޓެއް މި ދަތުރުން އޭނާއަށް ކުރައްސައިދީފި އެވެ.
އޭނާ އޮތީ ޒުވާނުންނަށް ދޫކޮށްލާނޭ މުހިންމު މެސެޖުތަކެވެ. ފިލާވަޅުތަކެވެ.
އާލިމްގެ ވާހަކަ ފެށީ، ދަތުރު ފެށުނު ހިސާބުން ކުރަން ފެށުނު ތަފާތު އިހުސާސްތަކުންނެވެ.
"އަހަންނަކީ ދަތުރުކުރަން އެހެން ބިރުގަންނަ މީހެއް ނޫން. އެކަމު ހައްޖަށް ދާން ފުރަން އައި އިރުވެސް، ފްލައިޓް މަތީގައި ވެސް މުޅި ދުވަހު އިންނަނީ ހިތްތެޅިތެޅި،" އޭނާ ކިޔައިދިނެވެ.
މައްކާއަށް ގޮސް ފުރަތަމަ ފަހަރަށް ހަރަމްފުޅަށް ވަދެ ގެފުޅު ފެނުނު ވަގުތު އާލިމަށް ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. އުފަލުގެ ކަރުނަ އެވެ. އިހުސާސްވީ އެ ހުރެވުނީ ހުވަފެނެއްގެ ތެރޭގައި ކަމަށެވެ. އެއީ އޭނާގެ ހިތް ފުރިގެން ދިޔަ، އަދި ހަޔާތުގައި ދުވަހަކު ވެސް ނުކުރެވޭ ފަދަ ތަފާތު އިހުސާސެކެވެ.
އަރަފާތް ބިމުގައި ހޭދަކުރި ވަގުތުތަކަކީ އާލިމަށް ވަރަށް ގިނަ ކަންކަން ވިސްނައިގަނެވުނު ވަގުތުތަކެކެވެ. ޒުވާން ޖޯޝާއެކު މީގެ ކުރިން ދުނިޔެއާ މެދު އޭނާ ދެކެމުން އައި ގޮތް، އެ ވަގުތުތަކުގައި ބަދަލުވެގެން ދިޔަ އެވެ.
"އަރަފާތް ދުވަހުގައި ދުއާ ކުރުމުގަ ޓެންޓުގައި ހޭދަކުރީ. ވަރަށް ގިނަ ކަންކަން ވިސްނުނު،" އާލިމް ތަޖުރިބާ ހިއްސާކުރި އެވެ.
މުޒްދަލިފާގައި އޭނާގެ އިހުސާސް ވަރަށް ތަފާތެވެ. ހިތަށް އަރައި ފޭބީ ވާހަކަތައް ގިނަ އެވެ. މުޒްދަލިފާއަކީ އަރަފާތާއި މިނާއާ ދޭތެރޭގައި އޮންނަ ވާދީ އެކެވެ.
"މުޒްދަލިފާގައި ފެނުނީ މުއްސަންޖެއް، ފަގީރެއް، ދޮންމީހެއް، ކަޅުމީހެއް ތަފާތެއް ނެތް. އެންމެން އެއް ގޮތަކަށް ތިބީ. ތަފާތު އިހުސާސެއް ކުރެވުނު،" އޭނާ ބުންޏެވެ.
އާލިމް
މި ދަތުރުގައި މަގު އޮޅުމުގެ ތަޖުރިބާއެއް ވެސް އޭނާއަށް ކުރެވުނެވެ. މިނާގެ ކޭމްޕަށް ވަންނަން ނޭނގި މަގު އޮޅި 25 ކިލޯމީޓަރު ހިނގަން ޖެހުނީ 43 ޑިގްރީގެ ހޫނުގަ އެވެ.
"35,000 ފިޔަވަޅު އެއީ،" އާލިމް ބުންޏެވެ.
ސަފާ އާއި މަރުވާއާ ދެމެދު ހިނގުމަކީ ވެސް ރަސޫލުންގެ ގުރުބާނީ އާއި ބުރަ އިހުސާސްވި ކަމެއް ކަމަށް އާލިމް ފާހަގަކުރި އެވެ. އެ ބޭކަލުންނަށް ކުރިމަތިވި އިމްތިހާނުތައް ހިތަށް ވެރިކުރުވި އެވެ.
"މި ދުނިޔެއަކީ ހާދަ ބޮޑު އިމްތިހާނެކޭ ހިތަށްއެރި،" އާލިމް ބުންނެވެ.
އޭނާގެ ހިތުގައި މާޔޫސްކަމެއް އޮތީ މަންމަ އާއި ބައްޕަ ހައްޖަށް ނުފޮނުވާ އޭނާ އެއަޅުކަން އަދާކުރަން ޖެހޭތީ އެވެ. އެކަމަކު، އާލިމް ބުނީ ފަހުން އިލްމުވެރިން ގެ ބަސްތަކުން ހިތަށް ތަސައްލީއެއް ލިބުނު ކަމަށެވެ.
"އަމިއްލަ ނަފްސުގެ ހައްގު އަދާކޮށްފައި އޭގެ ފަހުން އެހެން މީހުން ފޮނުވަންޖެހޭނީއޭ ބުނީމާ ހިތްހަމަޖެހުމެއް ލިބުނު،" އިލްމުވެރިންގެ ވާހަކަތައް އާލިމް ތަކުރާރުކުރި އެވެ.
މިއަދު އާލިމްގެ ހުވަފެނަކީ މަންމަ އާއި ބައްޕަ ކޮންމެވެސް ދުވަހަކު ހައްޖަށް ފޮނުވުމެވެ.
ޒުވާން ދުވަސްވަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ލިބުނު ނަސީބާ އެކު އާލިމް ޒުވާނުންނަށް އަގުހުރި މެސެޖުތަކެއް ދިނެވެ. ގޮތް ނޭނގޭ މަރުތަކުގައި ޒުވާން އުމުރުގައި މަރުވުން ގިނަވެފައިވާއިރު ގައިގާ ބާރު ހުއްޓާ ޒުވާން އުމުރުގައި ހައްޖާއި އުމްރާއަށް ދިޔުމުގެ މުހިންމުކަން ބޮޑު ކަމަށް އޭނާ ބުންޏެވެ.
ޒުވާން މަރުތައް ކިހާ ގިނަ. މިއަދު ދާންވީ އެބިމަށް، ޒުވާންކޮށް ތިއްބާ. ގައިބާރު ހުއްޓާ. ޒުވާނުން އެކަމަށް އިސްކަންދޭންވީހައްޖާއި އުމުރާގެ އަޅުކަން އުމުރުގެ ކުރީކޮޅުގައި ކުރަންއާލިމް
އާންމުކޮށް ދެކެވިފައި އޮންނަނީ ހައްޖާއި އުމްރާގެ އަޅުކަންކަން ކުރާނީ އުމުރުން ދުވަސްވީމާ ކަމަށެވެ. ޒުވާން އުމުރުގައި އެކަމަށް އިސްކަމެއް ނުދެ އެވެ. އާލިމް ބޭނުން ވަނީ އެ ވިސްނުން ބަދަލުކުރާށެވެ.
އޭނާ ބުނީ ދިވެހި ޒުވާނުން ހައްޖާއި އުމުރާއަށް ގެންދަން ބާރު އަޅައި އޭނާ މަސައްކަތް ކުރަން ހިތް ނިޔަތް ގަނެގެން ހުރި ކަމަށެވެ.
އާލިމް ބޭނުން ވަނީ ވީހާ ވެސް ގިނަ ޒުވާނުން ހައްޖާއި އުމްރާގެ އަޅުކަމަށް ގެންގޮސް އެތަނުގެ ކަންކަން އެ މީހުންނަށް ކިޔައިދީ ހަދާ ޒުވާނާއަށް ވާށެވެ. އަޅުކަން ކުރާނޭ ގޮތެވެ. މައްކާ، މަދީނާ އަދި ސައުދީގެ އެހެން ސަރަހައްދުތަކުގައި ހުރި އިސްލާމީ ތާރީހުގެ ވާހަކަތައް ކިޔައިދޭށެވެ.
"ހޮލިޑޭ ދަތުރެއްގައި ދާންވިޔަސް އެއަށްވުރެ ވޯތު ޑެސްޓިނޭޝަނެއް ނޯންނާނެ ބުނާނީ،" އާލިމް ބުންޏެވެ.
ޒުވާން އާލިމްގެ ހައްޖުގެ މި ދަތުރުން ލިބިގަނެވުނު ފިލާވަޅުތަކާއި ތަޖުރިބާތަކަކީ ޒުވާނުންނަށް އޮތް މެސެޖެކެވެ. އިބުރަތެކެވެ.