އަންނަ އޮގަސްޓުގައި ބާއްވާ 'ނ. އަތޮޅު ގުރުއާން ފެސްޓިވަލް 2025' ބާއްވާނެ ރަށެއް ހޯދުމަށް ނޫނު އަތޮޅު ކައުންސިލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ހުޅުވާލައިފި އެވެ.

މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 20 އިން 23 އަށެވެ.

މި ފެސްޓިވަލް ބޭއްވުމަށް ޝައުގުވެރިވާ ރަށު ކައުންސިލްތަކުން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ނޫނު ކައުންސިލުން ބުނި ގޮތުގައި އެ ފެސްޓިވަލްގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ މެދުގައި ކީރިތި ގުރުއާނަށް ލޯބި ޖެއްސުމާއި، ގުރުއާން ކިޔެވުމުގެ ހުނަރު އިތުރުކުރުމެވެ.

މި އަތޮޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް އަހަރީ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މި ފެސްޓިވަލްގައި އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލްތަކުން ބައިވެރިވެ އެވެ. މި ފެސްޓިވަލްގެ ސަބަބުން އަތޮޅުގެ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުވެ، އިސްލާމީ އަގީދާ ވަރުގަދަވެގެންދެ އެވެ.

"މި ފެސްޓިވަލްގެ ކާމިޔާބީއަށް އަތޮޅުގެ ހުރިހާ ސްކޫލްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް މުހިންމު،" ނޫނު ކައުންސިލުން ބުންޏެވެ. 

މިދިޔަ އަހަރު ގުރުއާން ފެސްޓިވަލް ބާއްވާފައި ވަނީ މަނަދޫގަ އެވެ. އެ ފެސްޓިވަލްގެ އެއްވަނަ ހޯދާފައި ވަނީ މާފަރު ސްކޫލެެވެ.