ރައީސް މުހައްމަދު މުއިއްޒު އަންނަ ހޯމަ ދުވަހު މި އަތޮޅަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖައްސަވައިފި އެވެ. 

މިހާތަނަށް ކަށަވަރުވެފައިވާ ގޮތުގައި އެމަނިކުފާނު މި އަތޮޅަށް ކުރައްވަނީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ. އެގޮތުން ހޯމަ ދުވަހު ފައްޓަވާ ދަތުރުފުޅު ނިންމަވާލައްވަނީ 24 ވަނަ ދުވަހު އެވެ. ރައީސް ވަޑައިގަންނަވާ ރަށްތަކުގެ ތެރޭގައި، ކެނދިކުޅުދޫ އަދި ވެލިދޫ ހިމެނެ އެވެ. 

ރައީސްގެ ދަތުރު އެ ތާރީހަށް މިހާރު ހަމަޖެހިފައިވާކަން ރައީސް އޮފީހުން މިހާރު ވަނީ ކައުންސިލްތަކަށް އަންގައިފަ އެވެ. 

ރައީސް މީގެ ކުރިން ވެސް މި މަހުގެ 7 އިން 9 އަށް މި އަތޮޅަށް ވަޑައިގަތުމަށް ހަމަޖައްސައި އެކަން ރައީސް އޮފީހުން އެންގި އެވެ. އަދި އެ ދަތުރުގެ ކުރިން ޕީއެންސީގެ މި އަތޮޅަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން އަތޮޅަށް ވަޑައިގެން ރަށްތަކަށް ޒިޔާރަތްކުރެއްވި އެވެ. 

މީގެ އިތުރަށް، ސިފައިން ވެސް ރައީސްްގެ ދަތުރަށް ތައްޔާރުވުމަށް މި އަތޮޅަށް އައިސް ހަރަކާތްތެރިވި އެވެ. ނަމަވެސް ފަހުން އެ ދަތުރު ކެންސަލް ކުރެއްވީ އެވެ. 

ރައީސް މިވަގުތު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތުގަ އެވެ. ނޫނަށް މި ވަޑައިގަންނަވަނީ އެ ދަތުރުފުޅަށް ފަހު އެވެ. 

ރައީސް މުއިއްޒު މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ވެސް ނޫނަށް ދަތުރުފުޅެއް ކުރެއްވި އެވެ. ރައީސް އެ ފަހަރު ވަޑައިގެންނެވީ، މަނަދޫ، ފޮއްދޫ، ހޮޅުދޫ އަދި ހެނބަދު އަށެވެ.