"މިކަން ކުރި ބައެއްގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅާށޭ. އަޅާށޭ. އެވަރު ކަމެއް ކޮށްފައޭ މި އޮތީ،" ބުޑުން ކަނޑާ ވައްޓާލާފައި ހުރި ގަސްތަކެއް އަތުގެ އިޝާރާތުން ދައްކަމުން، ކުރީގެ ނޫސްވެރިޔާ އަދި ކޮންޓެންޓް ކްރިއޭޓާ ހަފްސީ އަބްދުﷲ އޭނާގެ އަމިއްލަ ފޭސްބުކަށް ލީ ވީޑިއޯއެއްގައި ބުންޏެވެ.
ހަފްސީ އެ ވިޑީއޯގައި ދައްކަނީ އޭނާ ނިސްބަތްވާ މި އަތޮޅު ލަންދޫގެ ހޭޅިފަށުގައި ވަރަށް ގިނަ ދުވަސްވީ ފުނަ ގަސްތަކެއް އެއްވެސް މުއައްސަސާއެއްގެ ހުއްދައެއް ނެތި އަދި އާންމުންނަށް ވެސް ވަގަށް ކަނޑާލާފައިވާ މަންޒަރެވެ. އެ ގަސްތައް ހުރީ މޫދާ 100 ފޫޓަށް ވުރެވެސް ކައިރީގައިކަން ފާހަގަކުރަމުން ހަފްސީ ބުނީ އެއީ ރަށުގެ ހަރު މީހުންނާއި ކުޑަކުދިން ވެސް އާއިލާތަކާ އެކު އައިސް ވަގުތު ހޭދަކުރާ ހިތްފަސޭހަ ސަރަހައްދެއް ކަމަށެވެ.
"ތިމަންނާ އިންދި އެއްޗެކޭ ބުނެ އެހެން އައިސް މިހެން ހުންނަ ދުވަސްވީ ބޮޑެތި ގަސްތައް ކަނޑައެއް ނުލެވޭނެ،" ހަފްސީ ބުންޏެވެ.
އޭނާ ބުނީ އެކަން ކުރި ބަޔަކާ މެދު ރަށުގެ ކައުންސިލުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. ނޫނީ މުއައްސަސާތަކަށް ހުށަހަޅައިގެން ވެސް އެކަން ކުރި ބަޔަކު ހޯދާ ފިޔަވަޅު އަޅަން އޭނާ ގޮވާލި އެވެ.
"މި ނޫނަސް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް މިހެން އާންމުތަންތާ ހުންނަ ގަސްތައް ކަނޑާނަމަ އެބަ ޖެހޭ ފިޔަވަޅު އަޅަން. މުއައްސަސާތަކުން ބަލަން. މިކަން ބަލަން އަޅުގަނޑު ގޮވާލަން،" ވީޑިއޯ ނިންމާލަމުން ހަފްސީ ބުންޏެވެ.
ހަފްސީގެ ވީޑިއޯ -