މިފަހުން މުޅި ރާއްޖޭގައި މަޝްހޫރުވި އިންވެސްޓްމަންޓް ސްކީމެއް ކަމަށްވާ، ޖިއެމްސީއީ ނުވަތަ ޖެމްކިއު ޕޮންޒީ ސްކީމްގެ ފެށުން ގުޅިފައި ވަނީ މި އަތޮޅު މިލަދޫ ބަޔަކާކަން ހާމަވެއްޖެ އެވެ.

'ދައުރު'އިން މިއަދު ގެނެސްދިން ރިޕޯޓެއްގައިވާ ގޮތުގައި އެ ސްކީމް އިޝްތިހާރުކޮށް އެއަށް މީހުން ވެއްދުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރާ ހަތް މީހުންގެ ތެރެއިން ގިނަ މީހުން ނިސްބަތްވަނީ މިލަދޫއަށެވެ. 

ޖެމްކިއުއިން ސްޕޮންސާކޮށްގެން މިލަދޫގައި ވަރަށް ގިނަ ހަރަކާތްތައް ވެސް ހިންގި އެވެ. އެގޮތުން ރަށަށް ރޯދަ ހަދިޔާ ބެހުމާއި އީދާ ދިމާކޮށް ބޭއްވި ފުޓްބޯޅަ މުބާރާތާއި އެހެން ބައެއް ކުޅިވަރުތައް ވެސް ބޭއްވީ ޖެމްކިއުއިން ސްޕޮންސާ ދީގެންނެވެ. އެ ހަރަކާތްތައް ފަށަން ބޭއްވި ހަފްލާތަކުގައި ޖެމްކިއުގެ ރާއްޖޭގެ އިސްވެރިން ބައިވެރިވެފައިވާކަން އެ ހަފްލާތަކުގެ ވީޑިއޯތަކުން އެނގެ އެވެ. 

"މި ރަށުގެ ވަރަށް ގިނަ މީހުން އެކަމުގައި އުޅޭ،" އެ ރަށުން ވާހަަކަ ދެއްކި ބައެއް މީހުން 'ދައުރު'އަށް ބުނެފައިވެ އެވެ. 

ބައެއް މަސްދަރުތަކުން ބުނެފައިވާ ގޮތުގައި ޖެމްކިއުއަކީ ރިސޯޓެއްގައި އުޅޭ މިލަދޫ މީހަކަަށް އެ ރިސޯޓަށް އައި ޓޫރިސްޓަކު ތައާރަފްކޮށްދިން ސްކީމެކެވެ. އެކަމަކު، އެއީ ކަށަވަރު ކުރެވޭ މައުލޫމާތެއް ނޫނެވެ.  

މިލަދޫގެ ވިޔަފާރިވެރިއެއް ކަމަށްވާ އިބްރާހިމް އިރުޝާދުއަކީ ޖެމްކިއުގެ ރާއްޖޭގެ އިސްމީހާ ކަމަށް މީގެ ކުރިން ނޫހަކުން ތުހުމަތުކުރި ނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ. އިކޮނޮމިކް މިިނިސްޓްރީގައި ޖީއެމްސީއީގެ ވިޔަފާރި ނަން ނަގާފައި ވަނީ އޭނާ އެވެ.

އެ ސްކީމާ ގުޅުން އޮންނަކަމުގެ ތުހުމަތުތައް ދޮގުކޮށް 'ނޫނު ޑެއިލީ'އަށް އޭނާ މީގެ ކުރިން ބުނީ އެ ނަން އޭނާ ނެގީ އެއީ އެ ރަށުގައި އަދި ރާއްޖޭގައި މަޝްހޫރުވަމުން އަންނަ ނަމަކަށް ވާތީ އެވެ. އެކަމަކު، އޭނާ އެ ސްކީމް ހިންގުމުގައި ނޫޅޭ ކަމަށާއި ޓްރޭޑްކޮށް ވެސް ނޫޅޭ ކަމަށް ބުނެފައިވެ އެވެ. 

އިރުޝާދާ ގުޅުން އަދި ނެތް ނަމަވެސް. މިހާރު ޔަގީންވާ ކަމަކީ ޖެމްކިއުގެ ފެށުން ގޮސް ގުޅެނީ މިލަދޫ ބަޔަކާ ކަމެވެ. އަދި އެ މީހުންގެ ހަރަކާތްތައް ބޮޑަށް ފުޅާވެފައި އޮތީ މިލަދު އާއި ނ. އަތޮޅުގެ ރަށްތަކުގަ އެވެ.

މިލަދޫ ނޫނަސް މި އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގެ އީދު ކުޅިވަރުތައް ޖީއެމްސީއީން ހަރަދުކޮށްގެން ބޭއްވި އެވެ.