މުދާ އުފުލާ ސަޕްލައި ދޯނި "ފްރެންޑް 4" އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމުގެ ގައުމީ މަސައްކަތުގައި އުޅެނިކޮށް ގެއްލުނު ފުލުހުންގެ ސާޖަންޓް އަލީ ނާފިއުގެ މައިންބަފައިންނާ ހޯމް މިނިސްޓަރު އަލީ އިހްސާން އަދި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ބައްދަލުކުރައްވައިފި އެވެ.
ހޯމް މިނިސްޓަރާއި ސީޕީ ނާފިއުގެ މައިންބަފައިންނާ ބައްދަލުކުރައްވާފައިވަނީ އެ އާއިލާ ދިރިއުޅެމުންދާ މި އަތޮޅު މަނަދޫއަށް އައިހެވެ. މި ބައްދަލުވުމުގައި ވަޒީރު އިހުސާން ވަނީ ރައީސުް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން އާއިލާއަށް ހާއްސަ މެސެޖެއް ރައްދުކޮށްފަ އެވެ. އަދި ގެއްލުނު ފަރާތްތަކުގެ އާއިލާތަކުގެ ހިތާމައިގައި ސަރުކާރު ބައިވެރިވާކަން ހާމަކޮށް އެ ފަރާތްތައް ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ވަރަށް ގާތުން ބަލަމުން ކުރިއަށްގެންދާ ކަމުގެ ޔަގީންކަން ވެސް ވަޒީރު ދިނެވެ.
ސީޕީ އަހުމަދު މުހައްމަދު ވަނީ، ސާޖަންޓް އަލީ ނާފިއު ގައުމީ ވާޖިބު އަދާކުރަމުން ދަނިކޮށް ގެއްލުމާ ގުޅިގެން އާއިލާއަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި މުޅި ފުލުހުންގެ މުއައްސަސާ ބައިވެރިވާކަން ފާހަގަކޮށްފަ އެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ހެޔޮދުއާ އަބަދުވެސް އާއިލާއާއެކު ވާނެ ކަމަށާއި، މި ދަނޑިވަޅުގައި މުއައްސަސާ ސާބިތުކަމާއެކު އާއިލާގެ ފަހަތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދިނެވެ.
މީގެ ކުރިން، މި މަހުގެ 12 ވަނަ ދުވަހު ހޯމް މިނިސްޓަރާއި ސީޕީ ވަނީ ސާޖަންޓް އަލީ ނާފިއުގެ އަނބިމީހާ އާއި ދަރިފުޅާ ވެސް ބައްދަލުކޮށްފަ އެވެ.
އެ ހާދިސާ ހިނގާފައިވަނީ މި މަހުގެ 2 ވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު އޮގަސްޓް 5 ވަނަ ދުވަހުގެ ރޭ ލިބުމާ ގުޅިގެންނެވެ. ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގި ސަލާމަތީ އޮޕަރޭޝަންގައި ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. ނަމަވެސް މި އޮޕަރޭޝަންގެ ތެރޭގައި ތިން މީހަކު ވަނީ ގެއްލިފަ އެވެ. އެއީ:
- ދޯނީގެ ކެޕްޓަން، ތ. މަޑިފުށި، ދޮންވެލި، މުހައްމަދު ހަމްދޫން (35އ)
- މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް އަލީ ނާފިއު (33އ)
- އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހްމަދު (39އ)
އެމްއެންޑީއެފްއިން އެ ތިން މީހުން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންދާއިރު، ދާދި ފަހުން އެމެރިކާގެ ނޭވީ ފްލައިޓެއް ބޭނުންކޮށްގެން ވެސް ވަނީ ސާޗް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެހެންނަމަވެސް، މިހާތަނަށް އެއިން އެއްވެސް މީހެއްގެ ހަބަރެއް ނުވެ އެވެ.