މަނަދޫ ކައުންސިލުން މިރޭ ބާއްވާ ރައްޔިތުންގެ އާންމު ބައްދަލުވުމުގައި ތަފާތު ކަމެއް ކޮށްލަން ނިންމައިފި އެވެ. އެ ބައްދަލުވުމަށް ހާޒިރުވާ މީހުންގެ މެދުގައި ލަކީޑްރޯއެއް ނަގައި އަގުހުރި އިނާމުތަކެއް ދޭން މި ވަނީ ނިންމައިފަ އެވެ.
މަނަދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނި ގޮތުގައި މިރޭގެ ބައްދަލުވުމަށް އަންނަ ރައްޔިތުންގެ މެދުގައި ނަގާ ލަކީޑްރޯގައި ކޮންމެ ޖިންސަކުން ތިން ނަސީބުވެރިން ހޮވާނެ އެވެ. އެއީ ފިރިހެން ތިން ނަސީބުވެރިން އަންހެން ތިން ނަސީބުވެރިން ޖުމްލަ ހަ ނަސީބުވެރިންނެވެ. އެ މީހުންނަށް ދޭން ނިންމާފައިވާ ހަދިޔާތަކަކީ:
- މަސްބާނާ ދޮއްޓެއް
- އިސްތިރިއެއް
- ފެން ހޫނުކުރާ ޖަގެއް
- ރައިސް ކުކަރެއް
- މަސްބާނާއިރުލާ ވަދެއް
- ރެންޗް ޓޫލްކިޓް ސެޓެއް
އެ ލަކީޑްރޯގެ ބޭނުމަކީ ގިނަ ރައްޔިތުން އެ ޖަލްސާގައި ބައިވެރިވުމަށް ހިތްވަރު ދިނުމެވެ.
މިރޭގެ ޖަލްސާ ބާއްވަނީ އަސްވާރު ހޯލްގައި، 8:45ގަ އެވެ. އެ ޖަލްސާގެ ބޭނުމަކީ ކައުންސިލްގެ މަސައްކަތްތަކާއި ރަށުގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދީ ރައްޔިތުންގެ ޝަކުވާތައް ކައުންސިލުން އަޑުއަހައި ޖަވާބުދިނުމެވެ.
މިރޭގެ ބައްދަލުވުން ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުން ވަގުތުން ދެއްކުމަށް ހަމަޖެހިފައިވެ އެވެ.