މަނަދޫ ކައުންސިލްގެ ފަރާތުން މިރޭ އާންމު ރައްޔިތުންނާ ބައްދަލުކުރަން ބައްދަލުވުމެއް ބާއްވަން ތާވަލްކޮށްފި އެވެ. 

އެ ކައުންސިލުން އިއުލާންކުރި ގޮތުގައި އެ ބައްދަލުވުން ބާއްވަނީ މިރޭ 8:45ގައި، އެ ރަށު އަސްވާރު ހޯލްގަ އެވެ. އެ ބައްދަލުވުން އެ ކައުންސިލްގެ ފޭސްބުކް ޕޭޖުން ވަގުތުން، ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. 

އެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ: 

  • މިއަހަރުގެ ތެރޭ ކައުންސިލުން ކުރަމުންދާ މަސައްކަތްތައް އަދި ހިންގި ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކުރުން
  • ސަރުކާރުން މަނަދޫގައި ހިންގަމުންދާ އަދި ހިންގުމަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތު ދިނުން 

މީގެ އިތުރަށް އާންމުންގެ ސުވާލުތަކަށް ކައުންސިލިން ޖަވާބު ދިނުމަށް ވެސް ވަނީ އެޖެންޑާގައި ހިމަނައިފަ އެވެ. އެ ބައްދަލުވުމަށް އެ ރަށުގެ ވީހާ ވެސް ގިނަ ރައްޔިތުން އައިސް ދިނުމަށް ކައުންސިލުން އެދިފައިވެ އެވެ. 

ކައުންސިލްތަކުުން ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމަކީ ލާމަރުކަޒީ ގާނޫނުގައި ލާޒިމްކޮށްފައިވާ ކަމެކެވެ.