އަގުހުރި އިނާމުތަކެއް ލިބޭ ވެލިދޫ ގުރުއާން މުބާރާތް މިއަދު ފަށާނެ އެވެ. އަހަރަކު އެއް ފަހަރު ބާއްވާ މިއަހަރުގެ ގުރުއާން މުބާރާތް ފަށާނީ، މިއަދު މެންދުރު 2 ޖަހާއިރު ނ. އަތޮޅު ތައުލީމީ މަރުކަޒު، ރިހި މާލަމުގައި ބާއްވާ ހަފްލާއަކުންނެވެ. 

އެ މުބާރާތުގައި 68 ބައިވެރިން ވަނީ ބައިވެރިވެފަ އެވެ. އެއީ:

  • ނުބަލާ ކިޔެވުމުގެ ބައިގައި 17 ބައިވެރިން
  • ބަލައިގެން ކިޔެވުމުގައި 51 ބައިވެރިން 

މި މުބާރާތުގައި ވާދަކުރެވޭ އުމުރުފުރާތަކަކީ: 

  • 18 އަހަރުން މަތި
  • 15 އަހަރާއި 17 އަހަރާ ދެމެދު
  • 13 އަހަރާއި 14 އަހަރާ ދެމެދު
  • 10 އަހަރާއި 12 އަހަރާ ދެމެދު
  • 7 އަހަރާއި 9 އަހަރާ ދެމެދު
  • 4 އަހަރާއި 6 އަހަރާ ދެމެދު

މި ހުރިހާ އުމުރުފުރާއަކުންވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާނެ އެވެ.

އެ މުބާރާތް މާދަމާގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. އަދި ނިންމުމުގެ ރަސްމިއްޔާތު ބާއްވަނީ މާދަމާ ރޭ 9ޖަހާއިރު އެވެ. 

ގުރުއާން މުބާރާތުގެ ތާވަލް

ވެލިދޫ ކައުންސިލްގެ ރައީސް، އާތިފް ހުސެއިން ނޫނު ނިއުސްއަށް ވިދާޅުވީ އެ މުބާރާތުގެ ބޭނުމަކީ ކީރިތި ގުރުއާން ރިވެތިކޮށް ކިޔަވާ ރައްޔިތެއް ދިރިއުޅޭ ރަށަކަށް ވެލިދޫ ހެދުން ކަމަށެވެ. 

އެ މުބާރާތުގެ އިނާމުތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ: 

  • އެއްވަނަ އަށް: އުމްރާ ދަތުރެއް
  • ދެވަނަ އަށް: 10،000ރ. 
  • ތިންވަނަ އަށް: 7،000ރ. 

ވެލިދޫ ގުރުއާން މުބާރާތުގެ ސަބަބުން ގުރުއާން ހިތުދަސްކުރުމަށާއި ތަޖުވީދުމަގަށް ގުރުއާން ކިޔެވުމަށާއި، ގުރްއާނުގެ އިލްމު އުނގެނުމާއި އުނގަންނައިދިނުމުގެ ރޮނގުން ކުރިއަށް ދިއުމަށް ހިތްވަރު ލިބެ އެވެ. މީގެ އިތުރުން، ގައުމީ ގުރުއާން މުބާރާތަށް ބޭނުންވާ ބައިވެރިން އުފެއްދުމަކީ ވެސް މި މުބާރާތުގެ މަގުސަދެކެވެ. 

މި މުބާރާތުގެ މެއިން ސްޕޮންސަރުންނަކީ ސޯލްޓެޑް ފައިބާ ވޯކްސް އެވެ. އަދި ކޯ ސްޕޮންސަރަކީ ވެނީލާ އިންވެސްޓްމެންޓް އެވެ. އެސޯސިއޭޓް ސްޕޮންސަރުންގެ ގޮތުގައި މާޗީ އެމް.ވީ އާއި ވެލިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ބައިވެރިވެފައިވާއިރު، އެލަންޒާ މޯލްޑިވްސް އާއި ހުސްއަލި ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވަނީ ޕާޓްނާ ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވެފަ އެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަކީ މުބާރާތުގެ ބޭންކިން ޕާޓްނަރެވެ. އަދި ގާސިމްސް އަކީ މުބާރާތުގެ ޑިޒައިނިން ޕާޓްނަރެވެ.

މި މުބާރާތް ކާމިޔާބު ކުރުމަށް މި ފަރާތްތަކުގެ އިތުރުން އެހެން ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަންވެސް ލިބިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. ވެލިދޫ ކައުންސިލުން ވަނީ މި މުބާރާތް ކާމިޔާބު ކުރުރުމުގައި އެ ފަރާތްތަކުން ވެދީފައިވާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.