ވެލިދޫގައި ކޮންމެ އަހަރުވެސް ފޯރިއާއެކު ބާއްވަމުން އަންނަ "ވިޒިޓް ވެލިދޫ ސޮކަ ކަޕް 2026" ގެ ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކޮށް، ޓީކޭއެފް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ވެލިދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި ފައިނަލް މެޗުގައި ޓީކޭއެފް އިން ތަށި އުފުލާލީ، ވެލިދޫ ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ސްޓީލް ރެޑްއާ ބައްދަލުކޮށް، ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ކުރީކޮޅު ސްޓީލް ރެޑް އިން ލަނޑެއް ޖަހާ ލީޑު ނަގާފައިވަނިކޮށް، ޓީކޭއެފް އިން ވަނީ ކުޅުން ރަނގަޅުކޮށް، ދެ ލަނޑު ޖަހާ ނަތީޖާ އަނބުރާލާފަ އެވެ.

މި އަހަރުގެ މުބާރާތުގައި ޖުމްލަ 3 ޓީމަކުން ބައިވެރިވެފައިވެ އެވެ. އެއީ ޗެމްޕިއަން ޓީކޭއެފް، ބީއެފްސީ އަދި ސްޓީލް ރެޑް އެވެ.

ވިޒިޓް ވެލިދޫ ތަށި

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމާއި ހަނދާނީ ފިލާ ދީފަ އެވެ. އެގޮތުން:

  • އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު މިޑްފިލްޑަރު: ޓީކޭއެފްގެ ހުސައިން ނިޝާން
  • އެންމެ މޮޅު ކޯޗް: ޓީކޭއެފްގެ މޫސާ އިބްރާހިމް (މުސްތަޓޭ)
  • އެންމެ އުންމީދީ ކުޅުންތެރިޔާ: ސްޓީލް ރެޑްގެ އަބްދުاللَّه އީދާން އާދަމް
  • އެންމެ މޮޅު ސްޓަރައިކަރު: ޓީކޭއެފްގެ އިބްރާހިމް ޝައުފް އަހުމަދު
  • އެންމެ މޮޅު ޑިފެންޑަރު: ޓީކޭއެފްގެ ހަސަން އީނާޒް
  • އެންމެ މޮޅު ގޯލްކީޕަރު: ޓީކޭއެފްގެ އަހްމަދު ނާފިޒް
  • އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ: ޓީކޭއެފްގެ އިބްރާހިމް ޝައުފް އަދި ހަސަން އީނާޒް  

މީގެ އިތުރުން މުބާރާތުގެ ފެއަ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ވެސް ޓީކޭއެފް އެވެ.

ވިޒިޓް ވެލިދޫ ކަޕް

1990 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތަކީ ވެލިދޫގެ ފުޓުބޯޅައިގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ މުބާރާތެކެވެ. މިހާތަނަށް ހިޔާލީ، ސީއެސްސީ، ފްރެންޑްސް، ވިމްސީ އަދި އެމުނި ފަދަ ޓީމުތަކުން ތަށި ހޯދާފައިވާއިރު، ސްޓީލް ރެޑް އަކީ މިހާތަނަށް އެންމެ ގިނަ ފައިނަލް ކާމިޔާބުކޮށްފައިވާ ޓީމެވެ. މި އަހަރު ޓީކޭއެފް އިން ހޯދި މި ކާމިޔާބީއަކީ އެ ކުލަބުގެ ޅަފަތުގައި ޓީމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.