ކަރަންޓު ބިލުތައް އިންތިހާއަށް ބޮޑުވެ، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ވެލިދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެރަށު ފެނަކަ އޮފީސް ތެރޭގައި މުޒާހަރާކޮށްފި އެވެ.
ވެލިދޫ އެމްޑީޕީ ގޮފިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި މުޒާހަރާގެ މައިގަނޑު މަގުސަދަކީ ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާތީ އެކަމުގެ ޝަކުވާ އުފުލުމެވެ. މުޒާހަރާގެ ބައިވެރިން ބުނަމުންދިޔައީ ގޭބިސީތަކަށް އައިސްފައިވާ ބިލުތައް "ޑަބަލް ވެފައި" ވާ ކަމަށެވެ.
ބިލު ބޮޑުވުމުގެ ޝަކުވާގެ އިތުރުން، ރައްޔިތުން ވަނީ ކަރަންޓާއި ފެނުގެ ހިދުމަތާ ގުޅޭގޮތުން ގިނަ ދުވަސްތަކެއް ވަންދެން ހައްލުނުވެ ހުރި އެހެނިހެން މައްސަލަތަކުގެ ކަންބޮޑުވުންތައް ވެސް ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި:
- ޓްރާންސްފޯމަރުތަކުގެ ކަނެކްޝަން ނުނިމުން: މީގެ ކުރިން 11 ޖޫން 2025 ގައި މިކަމާ ގުޅިގެން ކުރި ފުރަތަމަ މުޒާހަރާއަށްފަހު، 1 ޖެނުއަރީ 2026 އަށް ކަނެކްޝަންތައް ނިންމައިދޭނެ ކަމަށް ފެނަކައިން ވަނީ ބުނެފައި. ނަމަވެސް އެ މުއްދަތު ފަހަނައަޅައި 322 ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އެ މަސައްކަތް އަދިވެސް ނުނިމޭ.
- ފެނާއި ނަރުދަމާގެ މައްސަލަ: ފެނާއި ނަރުދަމާގެ ކަނެކްޝަނަށް އެދިފައިވާ ފަރާތްތަކަށް އަދިވެސް އެ ހިދުމަތް ގުޅައިދީފައެއް ނުވޭ.
- ވޯލްޓޭޖް ޑްރޮޕްވުން: ކަރަންޓުގެ ވޯލްޓޭޖް ދަށްވުމުގެ މައްސަލައަށް މިހާތަނަށް އެއްވެސް ހައްލެއް ލިބިފައެއް ނުވޭ.
މުޒާހަރާ ކުރި ފަރާތްތަކުން ބުނީ ފެނަކައިން ދޭ ކަރަންޓުގެ ހިދުމަތުގައި ހުރި ބޮޑެތި ސީރިއަސް މައްސަލަތަކުގެ ސަބަބުން ރަށު ރައްޔިތުން ބޭނުންކުރާ ކަރަންޓް ސާމާނު އަވަހަށް ހަލާކުވުން އާންމު ކަމަކަށް ވެފައިވާ ކަމަށެވެ.
"ވަރަށް ގިނަ ދުވަސް ވަންދެން ޝަކުވާތައްކޮށް ހައްލު ނުވީމާ މުޒާހަރާ މިކުރީ،" މުޒާހަރާގެ ބައިވެރިއަކު 'ނޫނު ނިއުސް' އަށް ބުންޏެވެ.
ފެނަކަ އޮފީސް ތެރޭގައި ކުރިއަށްދިޔަ މި މުޒާހަރާ މިހާރު ވަނީ ނިންމާލާފަ އެވެ. މުޒާހަރާގެ ބައިވެރިން އެތަން ދޫކޮށް ދިޔައީ، ވެލިދޫ ފެނަކަ ބްރާންޗުން އެ ކުންފުނީގެ މާލޭ ހެޑް އޮފީހާ ވާހަކަ ދެއްކުމަށް ފަހު، ރައްޔިތުން ފާހަގަކުރި މައްސަލަތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ދިނުމާ ގުޅިގެންނެވެ.
"ކަރަންޓް ބިލުން ވެސް ޑިސްކައުންޓެއް ދެވޭތޯ ވެސް ބަލައިދޭނެ ކަމަށް ފެނަކައިން ބުނި،" މުޒާހަރާ ނިންމާލުމަށްފަހު ބައިވެރިއަކު ކިޔައިދިނެވެ.
މި މައްސަލަތަކާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.