ވެލިދޫ ކައުންސިލުން އިންތިޒާމްކޮށްގެން 18 އަހަރުން ދަށު އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ބޭރުގެ ތަޖުރިބާކާރަކާ އެކު ޖޫނިއާ ފުޓްބޯޅަ ކޯޗިން ކޭމްޕެއް މިދިޔަ އަންގާރަ ދުވަހު ފަށައިފި އެވެ.
ވެލިދޫގައި އެ ކޭމްޕް ކުރިއަށް ގެންދާނީ އޯގަސްޓް 1ގެ ނިޔަލަށެވެ.
ވެލިދޫ ކައުންސިލުން ބުނި ގޮތުގައި އެ ކޭމްޕް ކުރިއަށް ގެންދަނީ ޑެންމާކްގެ ފުޓުބޯޅައިގެ ތަޖުރިބާކާރެއްކަމަށްވާ ކޯޗް ފްރެޑް އެވެ. ކޯޗް ފްރެޑްއަކީ ޑެންމާކްގެ ފުޓްބޯޅައިގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ތަޖުރިބާ ކާރެކެވެ. ކޯޗް ފްރެޑްގެ އިރުޝާދުގެ ދަށުން ގިނަ ކުޅުންތެރިންތަކެއް ޕްރޮފެޝަނަލް ފެންވަރަށް ތަމްރީންވެފައިވެ އެވެ.
ވެލިދޫ ކައުންސިލުން ބުނީ އެ ކޯޗިން ކޭމްޕްގައި 65 ކުދިން ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
- 9 އަހަރާއި 12 އަހަރާއި ދެމެދުގެ 37 ކުދިން
- 13 އަހަރާއި 18 އަހަރާ ދެމެދުގެ 28 ކުދިން
ކޭމްޕްގެ ސެޝަންތައް ކުރިއަށްދަނީ ދެ އުމުރުފުރައަށް ވަކިންނެވެ.
މި ކޯޗިން ކޭމްޕް ބޭއްވުމުގެ މަގުސަދަކީ ވެލިދޫގައި އުވެމުންދާ ފުޓުބޯޅައިގެ ރޫހު އަލުން އާލާކޮށް އާ ޖީލެއްގެ ފުޓްބޯޅަ ކުޅުންތެރިން އުފެއްދުން ކަމަށް ވެލިދޫ ކައުންސިލުން ބުންޏެވެ.
"ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ވެލިދޫގެ ކުދިންނަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް އަދި ހިތްވަރެއް މިއީ،" ވެލިދޫ ރައީސް އާތިފް ހުސެއިން ވިދާޅުވި އެވެ.
ކޯޗިން ކޭމްޕްގައި ކުދިންނަށް ފުޓްބޯޅަ ކުޅުމުގެ އަސާސީ ހުނަރުތަކާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިންމުކަން ކިޔައިދޭނެ އެވެ.