ރާއްޖޭގައި މަސްތުވާތަކެތިން ސައްތައިންސައްތަ ސަލާމަތްވެފައިވާ ފުރަތަމަ ރަށަކަށް މި އަތޮޅު ފޮއްދޫ ހެދުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން މަސައްކަތްކުރުމަށް ދާހިލީ ވަޒީރު އަލީ އިހުސާން ގޮވާލައްވައިފި އެވެ. 

އިހުސާން އެކަމަށް ގޮވާލެއްވީ ފޮއްދޫގައި އަލަށް ގާއިމުކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް މި މަހުގެ 17 ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ވަޒީރު ވިދާޅުވީ ފޮއްދުއަކީ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްވެފައިވާ ރާއްޖޭގެ ފުރަތަމަ ރަށަށް ހެދޭނީ، ރަށުގެ ރައްޔިތުންނާއި ފުލުހުންނާ ގުޅިގެން ކުރާ މަސައްކަތަކުން ކަމަށެވެ. މިއަހަރު ފުލުހުންގެ ހާއްސަ އަމާޒެއްގެ ގޮތުގައި އޮތީ ރާއްޖޭގެ ބައެއް ރަށްރަށަކީ މުޅިން މަސްތުވާތަކެތިން ސަލާމަތްވެފައިވާ ރަށްރަށަށް ހެދުމަށް ކަމަށެވެ. 

"”އަޅުގަނޑުމެންގެ ފުލުހުންގެ މި އަހަރު ހާއްސަ އަމާޒަކަށް އެބަ މަސައްކަތްތަކެއް ކުރައްވާ ދިވެހިރާއްޖޭގެ ބައެއް ރަށްތަކަކީ ސަތޭކަ ޕަސެންޓު މަސްތުވާތަކެތިން ސަލާމަތްވެފައި އޮތް ރަށްތަކެއްގެ ގޮތުގައި ހެދުމަށްޓަކައި. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުންނަމަ މި ރަށް ވެގެންދާނީ އެ މަސައްކަތް ކުރަން ރާވާ އެއް ރަށަކަށް،“ އިހުސާން ވިދާޅުވި އެވެ. 

މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރިފައިވާ ޒަމާންވީ މައްސަލައެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މުޖުތަމައެއްގެ ތެރެއިން ވަކި ބާވަތެއްގެ ކުށެއް އެއްކޮށް ނައްތާލެވޭނީ މުޅި މުޖުތަމައު އެކަތިގަނޑަކަށްވެ ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. މީގެ ކުރިން ވެސް ދުންފަތުގެ އިސްތިއުމާލުކުރުމުން ސަލާމަތްވެފައިވާ ރަށްތަކާއި، އާބާދީ ކޮންޓްރޯލްކުރުމާއި އެކި ބަލިތަކުން ސަލާމަތްވުމުގައި ރާއްޖޭގެ ރަށްތަކުން ކާމިޔާބީ ހޯދާފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރައްޔިތުން އެ އަޒުމުގައި މަސައްކަތްކޮށްފިނަމަ ފުލުހުން އެކަން ކާމިޔާބުކޮށްދެއްވާނެ ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑު ޔަގީންކަން އަރުވަން ތިބޭފުޅުންނަށް މި ރަށުގެ ރައްޔިތުން މިކަމުގައި އަޅުގަނޑުމެންނާއެކުގައި، މި މައިންޑްސެޓުގައި، މި ވިސްނުންފުޅުގައި މަސައްކަތްކުރައްވައިފިއްޔާ މި ތިއްބެވި ފުލުހުން އެކަން ކާމިޔާބުކޮށްދެއްވާނެ،" އިހުސން ވިދާޅުވި އެވެ.