ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް 9 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އާއި 6 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ބައިވެރިވެ ވަޑައިގެންފި އެވެ. އަދި އެ ފޯރަމްގެ ހަވާސާގައި އޭނާ ވަނީ އިތުރު ބައްދަލުވުންތަކެއްގައި ވެސް ބައިވެރިވެ ވަޑައިގެންފަ އެވެ.
އެމްޕީ އައްބާސް ރަސްމީ ދަތުރެއްގައި ޗައިނާގެ ކުންމިންއަށް ވަޑައިގެންނެވީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އަރިހުގަ އެވެ. އޭނާ ޗައިނާއަށް ފުރާވަޑައިގަތީ މިދިޔަ އަންގާރަ ދުވަހު އެވެ.
މެންބަރު އައްބާސް ވަނީ ކުންމިން މެޑިކަލް ޔުނިވަސިޓީއަށް ޒިޔާރަތްކުރައްވައި އެތަނުގެ މެނޭޖްމަންޓާ އެކު މަޝްވަރާތަކެއް ކުރައްވައިފަ އެވެ. އެގޮތުން ތައުލީމުގެ ފުރުސަތުތަކާ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް އެ ޔުނިވަސިޓީއަށް ވެދެވޭނޭ އެހީތަކާ މެދު މަޝްވަރާކުރެއްވި އެވެ.
އައްބާސް ނިސްބަތްވާ މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ފޭސްބުކް ޕޭޖްގައި އޭނާއާ ހަވާލާދީ ބުނެފައި ވަނީ މިއީ ކާމިޔާބު ދަތުރެއް ކަމަށެވެ. އަދި އެ ދަތުރުގައި ޗައިނާއިން ދިން މެހެމާން ދާރީއަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
"އެމްޑީއޭގެ ނައިބު ރައީސް އަދި މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ ތަރައްގީއަށް ޓަކައި ބޭރުގެ ގައުމުތަކާ ގުޅުން ބަދަހިކޮށް މަސައްކަތް ކުރާނަން،" މުހައްމަދު އައްބާސް ވިދާޅުވި އެވެ.
މެންބަރު އައްބާސްގެ އިތުރަށް ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ އަދި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ދަތުރުގެ ހުރިހާ ހަރަދެއް ހަމަޖެއްސީ ޗައިނާއިންނެވެ.