ރައީސް މުހައްމަދު މުއިއްޒު މިއަދު މިއަތޮޅުގެ ރަށްތަކަށް ފައްޓަވާ ދަތުރުފުޅުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ބައިވެރިނުކުރާ ކަމަށް ވިދާޅުވެ، އޭނާގެ ސަޕޯޓަރުން ރައީސްއަށް މަރުހަބާ ކިޔަން ނުނިކުތުމަށް އޭނާ ގޮވާލައްވައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވެފައިވަނީ، ރައީސް މުއިއްޒުގެ ދަތުރުފުޅުގައި ވެލިދޫ ދާއިރާ (ވެލިދޫ، ފޮއްދޫ އަދި ޅޮހީ)އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މިއަދާ ހަމައަށް ވެސް އެ ދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް އެ މަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
"ޕީއެންސީއަށް ނިސްބަތް ނުވިކަމުގައި ވިޔަސް، މިއަދާ ހިސާބަށް ދާއިރާ އަދި ރައްޔިތުންގެ ހައްގުގައި ސަރުކާރަށް ދޭންޖެހުނު ކޮންމެ އެއްބާރުލުމެއް މަޖުލީހުގެ ތެރެއިންނާއި ބޭރުން މިދަނީ ރެޔާދުވާލު ދެމުން،" އައްބާސް ވިދާޅުވި އެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދާއިރާގެ ރައްޔިތުން އޭނާ އިންތިހާބުކޮށްފައިވަނީ ރައްޔިތުންގެ ބަސް މަޖިލީހުގައި އިއްވުމަށާއި، ރައްޔިތުން އުޅޭ ނިކަމެތި ހާލު ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ. އަދި "ސަރުކާރުން އަޅާހައި ބަތަކަށް ރިހަ ކިޔައިގެން، ނަގޫ ފިތި" އިނުމަކަށް ނޫން ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
އައްބާސް ބަނީ އޭނާގެ ދާއިރާގެ ރަށްރަށަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުގައި ދާއިރާއާ ގުޅުމެއް ނެތް މެންބަރުން ބައިވެރިކުރާތީ އެކަމާ ވެސް ސުވާލު އުފައްދަވައިފަ އެވެ. އޭނާގެ ކުށަކީ ރައްޔިތުންގެ ހައްގުގައި އަޑު އުފުލުން ތޯވެސް އޭނާ ސުވާލުކުރެއްވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުގެ ދާއިރާއަށް ކުރައްވާ ދަތުރުފުޅުގެ އެއްވެސް މައުލޫމާތެއް ނުދެއްވާ، ދަތުރުގައި އަޅުގަނޑު ބައިވެރި ނުކުރެއްވުން އެއީ އަޅުގަނޑު އިންތިހާބުކުރެއްވި ރައްޔިތުންގެ މޫނުގައި ކޮޅުފައިންޖެއްސެވުން ނޫން އިތުރު ކޮންކަމެއްތޯ؟ އިންތިހާބު ކުރެއްވި މެންބަރު ބައިވެރިނުކޮށް ކަމާ ނުގުޅޭ އެހެން ދާއިރާތަކުގެ މެންބަރުން އަރިހުގައި ގެންދެވުމުގެ މާނައަކީ ކޮބާތޯ؟،" އައްބާސް ސުވާލުކުރެއްވި އެވެ.
ދާއިރާގެ މެންބަރު އިސްތިސްނާކުރުމަކީ "ރައްޔިތުންނާއި ސަރުކާރާއި ގުޅުވައިދޭ ގުނަވަނެއް ފެއިލްކޮށްލުން" ކަމަށް ބުނެ، ދައުވަތު ދެއްވިޔަސް ނުދެއްވިޔަސް ރައްޔިތުންގެ ހައްހުގައި ކުރައްވާ މަސައްކަތް ހުއްޓުވައި ކުޑަކަކުލައް ތިރިނުކުރެވޭނެ ކަމަށް އައްބާސް ވަނީ ވިދާޅުވެފަ އެވެ.
"މަޖުބޫރު ހާލަތުގައި ނިކުންނަވަންޖެހޭ ރައްޔިތުން (ވަޒީފާގެ ބިރަށް) ފިޔަވައި އަޅުގަނޑަށް ތާއީދުކުރައްވާ އަދި އަޅުގަނޑު ދެކެ ލޯބިވާ އެއްވެސް ރައްޔިތަކު ރައީސް މުއިއްޒުއަށް މަރުހަބާ ދެންނެވުމަށް ނުނިކުތުމަށް ގޮވާލަން،" އައްބާސް ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.