މިއަތޮޅު ފޮއްދޫގައި މީގެ އަހަރެއްހާ ދުވަސް ކުރިން ހަދަން ފެށި ބަނދަރުގެ މަސައްކަތް ހުއްޓި ރަށުގެ އެކި ދިމާލުން ގިރަމުންދާތީ ކަންބޮޑުވުން އިތުރުވެއްޖެ އެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ފޮއްދޫ ބަނދަރުގެ މަސައްކަތް ކުރިއަށްނުގޮސް މަޑުޖެހިފައިވަނީ ބޭރު ތޮށީގައި ޖަހާނެ ބޮޑު ހިލަ އާއި އެއްގަމު ތޮށި ހަދަން ބޭނުންވާ ތަކެތި ނެތުމުގެ ސަބަބުން ކަމަށެވެ.
އައްބާސް ފާހަގަކުރެއްވި ކަންތައްތަކަކީ:
- މަސައްކަތް ހުއްޓުނު ސަބަބު: ބޭރު ތޮށި ހެދުމަށް ބޭނުންވާ ބޮޑު ހިލަ އާއި އެއްގަމު ތޮށި ހެދުމަށް ބޭނުންވާ މެޓީރިއަލް ނުލިބި 5 މަސް ދުވަސް ފާއިތުވެގެން ގޮސްފައިވުން.
- ފަޅު ތިލަވުން: ކުރިން ކޮނެފައި އޮތް ފަޅު އަލުން ފުންކޮށްގެން ނޫންގޮތަކަށް ބޭނުން ނުކުރެވޭ ވަރަށް ތިލަވެފައިވުން.
- ރަށް ގިރުން: ބަނދަރުގެ މަސައްކަތް ނުނިމި އެގޮތަށް އޮތުމުގެ ސަބަބުން، ރަށުގެ އެކި ދިމަދިމާލުން ގިރަމުންދިއުން.
ފޮއްދޫއަކީ ލަފައިފުރުމުގެ ދަތިކަން ބޮޑު ރަށަކަށްވާއިރު، ބަނދަރުގެ މަސައްކަތް މެދުކެނޑި، ކުރިން ކޮނުނު ސަރަޙައްދު އަލުން ތިލަވަމުން ދިއުމާއި ރަށް ގިރުމުގެ މައްސަލަ ބޮޑުވަމުންދިއުމަކީ ރަށުގެ ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމެކެވެ.
އެ ރަށުގެ ރައްޔިތުން އެދެމުން ދާތާ 50 އަކަށް އަހަރުފަހުން ފޮއްދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީން އަމަލީ ގޮތުން ފެށީ މީގެ އަހެއްހާ ދުވަސްކުރިންނެވެ.
އާބާދީގައި 504 މީހުން ދިރިއުޅޭ ފޮއްދޫގައި މިހާތަނަށް ރަނގަޅު ބަނދަރެއް ނެތުމުގެ ސަބަބުން ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލަފާފުރުމުގައި ގިނަގުނަ ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. އެގޮތުން އިރުވައި މޫސުމުގައި ކަނޑުގަދަވާ ދުވަސްވަރު އެ ރަށަށް ލަފާ ފުރުން އުނދަގޫވެ އެ ރަށުގެ މީހުން ރަށު ބަންދުވެ އެވެ.
އާ ބަނދަރުގެ އެ މަޝްރޫއުގެ ދަށުން:
- މުޅި މަޝްރޫއަށް ޖުމްލަ 49.77 މިލިއަން ރުފިޔާ ހަރަދުކުރާނެ
- ބަނދަރަށް 30,648 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރާނެ
- 3,990 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ނެރު ފުން ކުރާނެ
- 145 މީޓަރުގެ ބޭރު ތޮށިލައި 165 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެ
- 130 މީޓަރުގެ ދިގު އެއްގަމު ތޮއްޓެއް ލާނެ
މީގެ އިތުރަށް އެ މަޝްރޫއުގެ ދަށުން 125 މީޓަރު ދިގު އަދި 6 މީޓަރު ފުޅާ ޖެޓީއެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި 600 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
ފޮއްދޫއަކީ މި އަތޮޅުގައި އެންމެ ބޮޑަށް ރަށު ފަތުރުވެރިކަން ކުރިއަރާފައިވާ ރަށެވެ. އެ ރަށުގައި ރަށަށް ފައިބަން ހަދާފައި އޮންނަނީ ޖެޓީ އެކެވެ.