މި އަތޮޅު ފޮއްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާ ސްޕީޑް ލަސްކަމަށް ވިދާޅުވެ، އެ ރަށް ރައްޔިތުން މަޖިލީހުގައި ތަމްސީލް ކުރާ ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މެންބަރު އައްބާސް އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފޮއްދޫ ބަނދަރުގެ މަސައްކަތް ކުރުމަށް ކުޑަ އެކްސްކަވޭޓަރެއް ގެންގޮސްގެން އުޅޭތާ މިހާރު އަހަރެއްހާ ދުވަސް ވެފައިވާ ކަމަށެވެ.

"އެއް ދުވަހު މަސައްކަތް ކޮށްފިނަމަ އަނެއް 10 ދުވަހު އޮންނަނީ މަސައްކަތް ނުކޮށް،" މުހައްމަދު އައްބާސް ލިޔުއްވި އެވެ. 

ބަނދަރު ކޮނެފައި އޮތް ސަރަހައްދު ވަރަށް ތިލަކަން ފާހަގަކުރައްވައި އައްބާސް ވިދާޅުވީ، އެތަން ކޮނުމަށްފަހު އަލުން ވެލިއެޅޭތީ ކުރަންޖެހޭހާ ވެސް ކަމަކީ އެޅޭ ވެލި އަލުން ނެގުން ކަމަށެވެ.

މަސައްކަތަށް ބޭނުންވާ ސާމާނު ރަށަށް ގެނައުމުގައި ބޮޑެތި ލަސްތަކެއް އުޅޭކަން ވެސް މެންބަރު ފާހަގަކުރައްވާފައިވެ އެވެ. އައްބާސް ވިދާޅުވި ގޮތުގައި ބަނދަރަށް ބޭނުންވާ ބޮޑު ހިލަ ގެންނާނެ ކަމަށް ބުނާތާ 5 މަސް ދުވަސް ވެއްޖެ އެވެ.

"އެއްގަމު ތޮށި ހަދަން ގާ އަންނަނީ ކަމަށް ބުނާތާ 4 މަސްވީ.. މިހާވަރަށް ސްޕީޑްވާނީ،" މަސައްކަތް ލަސްވާތީ ކަންބޮޑުވުން ފާޅުކުރައްވައި އައްބާސް ވިދާޅުވެފައިވެ އެވެ.