ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް މިދިޔަ އަންގާރަ ދުވަހު މަޖިލީހުގައި ފޮއްދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށް އެ ރަށް ފަޅުކުރާނެ ކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފޮއްދޫގެ ރައްޔިތުން ބުނަނީ ކީކޭ ހެއްޔެވެ؟ އެ މީހުން އެހެން ރަށަކަށް ހިޖުރަކުރަން ބޭނުންވޭ ހެއްޔެވެ؟ 

އެކަމާ ގުޅޭ ގޮތުން 'ނޫނު ނިއުސް'އިން ފޮއްދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ، ފޮއްދޫ ދޫކޮށް އެހެން ރަށަކަށް ހިޖުރަކުރަން އެ ރަށުގެ ރައްޔިތުން އެގޮތަކަށް ވެސް ގަބޫލެއް ނުވާނެ ކަމަށެވެ. އެރަށުގައި އެކަމަށް ބޭނުންވާނޭ މީހަކު އުޅޭނޭހެން ހީނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނަށް ވުރެ މާ އާބާދީ ކުދި ރަށްރަށް މި އަތޮޅުގައި އެބަހުރި. އަޅުގަނޑުމެން 500 ހަމަވޭ. މަގޫދޫ ތަންތަން ނުވާނެ އެވަރު ވެސް ހަމަ. ދެން ކީއްވެތޯ އަޅުގަނޑުމެން ބަދަލުކުރަން ޖެހެނީ،" މުހައްމަދު މޫސާ ސުވާލު އުފެއްދެވި އެވެ. 

ފޮއްދޫ

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ބަޔަކަށް ވެސް އަސާސީ ހައްގުތަކެއް ލިބިގެންވެ އެވެ. އަދި އެމީހެއްގެ އުފަން ރަށުގައި އުޅުމުގެ ހައްގަކީ އޮންނަން ޖެހޭނޭ ހައްގެއް ކަމަށާއި އެ ހައްގުން މަހުރޫމް ނުކުރުވޭނޭ ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެެވެ. އަދި ވިދާޅުވީ ފޮއްދޫގެ ރައްޔިތުންނަކީ އެ މީހުންގެ އުފަން ފަސްގަނޑު ދެކެ ލޯބިވާ، ވަތަނީ ބައެއް ކަމަށެވެ. 

"އެބަޔަކު ތިބޭނީ އެބައެއްގެ ފަސްގަނޑު ދެކެ ވަރަށް ލޯބިން. ވަތަނީ ރޫހުގައި އުޅޭ މީހުން އެ ރަށަކަށް ލޯބި ޖެހިގެން އުޅޭ މީހުން. މި ރަށު މީހަކު އެކަމަށް [ހިޖުރަކުރަން] ގަބޫލެއް ނުވާނެ،" މުހައްމަދު މޫސާ ވިދާޅުވި އެވެ. 

ހުޅުމާލެ ފަދަ ތަނަކަށް ފޮއްދޫ ރައްޔިތުން ބަދަލުކުރި ނަމަވެސް އެތަންތަނުގައި އުޅުމަކީ ފަސޭހަކަމަކަށް ނުވާނޭކަމަށް މުހައްމަދު މޫސާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ފޮއްދޫ ރައްޔިތުންނަށް ރަށުގައި އުޅުމަކީ ހިތްފަސޭހަ އުފާވެރިކަން ގެނެސްދޭ ކަމެކެވެ. ރަށުގައި ދިރިއުޅޭ މީހުން ރަށުގައި ތިބެނީ އެ ހިތްހަމަ ޖެހުމަށްޓަކާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފޮއްދޫ

"ދެން ސަރުކާރުން ގަދަކަމުން ތަނަކަށް ލައިފިއްޔާ ނޯންނާނެ ކުރާނެ ކަމެއް. އެ ހާލަތް އޮންނާނީ މި ރަށު މީހުން މިރަށުން ދާނެ،" މުހައްމަދު މޫސާ ވިދާޅުވި އެވެ. 

މުހައްމަދު އިސްމާއީލްގެ ވާހަކަތަކާ ގުޅިގެން މެންބަރު އައްބާސް ވަނީ، ފޮއްދޫ ރައްޔިތުން އެ ރަށުން ބާލަން ލާހިކެއް ނޫން ކަމަށް ވިދާޅުވެ ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެކަން ކުރަން އުޅެފި ނަމަ ވެލިދޫ އަދި ޅޮހީގެ ރައްޔިތުން ގޮސް އެކަމާ ދެކޮޅު ހަދާ ފޮއްދޫ ރައްޔިތުން އެ ރަށުގައި ބައިތިއްބާނެ އެވެ. 

އެންމެ ފަހުގެ ބޯ ހިމެނުމުން ދައްކާ ގޮތުގައި ފޮއްދޫގައި ދިރިއުޅެނީ: 

  • ޖުމްލަ: 344 މިހުން
  • ބިދޭސީން: 44 މީހުން
  • ދިވެހިން: 65 މީހުން 
ފޮއްދޫ ޖެޓީ ސަރަހައްދު (ފޮޓޯ/ވާޗުއަލް ޓްއާޒް މޯލްޑިވްސް)

ފޮއްދޫގެ އާބާދީ ކުޑަވުމުން އެ ރަށުގެ ރައްޔިތުން ވެލިދޫ ފަދަ އާބާދީ ބޮޑެތި އަތޮޅުގެ ރަށްތަކަށް ބަދަލު ކުރުމުގެ ވާހަކަތަކެއް މީގެ ކުރީ ސަރުކާރުތަކުގައި ދައްކާފައިވެ އެވެ. 

ފޮއްދުއަކީ ގުދުރަތީ ރީތިކަން ވަރަށް ބޮޑަށް ލިބިފައިވާ ކުޑަކުޑަ ރީތި ރަށެކެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް، ސާއްބަ ސަމާ ސުއިޓްގެ ނަމުގައި އެ ރަށުގައި ގެސްޓްހައުސް ވިޔަފާރި ފެއްޓެވުމާ އެކު އެ ރަށް ވެފައި ވަނީ މިހާރު ރަށު ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ މަގުބޫލު ރަށަކަށެވެ. އަދި އެ ރަށަށް ދިރުން ލިބި އިތުރު ފަރާތްތަކުން ވެސް އެ ރަށުގައި ގެސްޓްހައުސް ހެދުމުގެ މަސައްކަތް ފަށާފައިވެ އެވެ.