މި އަތޮޅު ފޮއްދޫގައި މުޅިން އަލަށް ފުލުހުންގެ މަރުކަޒެއް ގާއިމުކޮށް ހުޅުވައިފި އެވެ. 

ދާހިލީ ވަޒީރު އަލީ އިހުސާން އާއި ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު އެ ރަށަށް ވަޑައިގެން އާ ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އެ ރަށުން ވަޒީރާއި ޓީމަށް ހޫނު މަރުހަބާއެއް ކިޔެވެ. 

ފުލުހުންގެ އާ މަރުކަޒު ނިންމައި ހުޅުވާފައި މި ވަނީ މަސައްކަތް ފެށިތާ 16 މަސް ދުވަހުގެ ތެރޭގަ އެވެ. މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ގާއިމްކުރަން މި ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ގާއިމްކުރި 10 ވަނަ މަރުކަޒެވެ.

ޕޮލިސް މަރުކަޒު ހުޅުވުމުގެ ހަފްލާގައި ވަޒީރު ވިދާޅުވީ ބައެއް ރަށްރަށުގައި 20 މަސް ދުވަސް ވީއިރުވެސް މަސައްކަތް ނުފެށި ހުރިއިރު، ފޮއްދޫގައި މި މަސައްކަތް އަވަހަށް ނިމިގެންދިޔައީ ރަށުގެ ވެރިންނާއި ރައްޔިތުން މިކަމަށް ދެއްވި އަހަންމިއްޔަތުކަމުގެ ސަބަބުން ކަމަށެވެ.

"ފުލުހުންގެ މަރުކަޒުތައް ހުޅުވިގެންދާ މި ދިހަވަނަ ރަށް، އެންމެ ރަނގަޅަށް އަޅުގަނޑަށް ރައްޔިތުން މިކަމުގައި ބައިވެރިވާކަން ފެނިގެން އައި އެއް ރަށަކީ ނ. ފޮއްދޫއޭ ބުނުން އެއީ ދޮގަކަށް ނުވާނެ،" ވަޒީރު ވިދާޅުވި އެވެ.

ފޮއްދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމުވެގެން ދިއުމަކީ އެރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި އެ ރަށަކީ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދި ގިނަ ގެސްޓްހައުސްތައް ހުރި ރަށަކަށް ވުމާ އެކު ފުލުހުންގެ ހިދުމަތް އެ ރަށަށް ވަރަށް މުހިންމެވެ. 

ފޮއްދޫއަކީ ކުށް މަދު ރަށެއްކަން ފާހަގަކުރައްވައި ވަޒީރު އިހުސާން ވިދާޅުވީ ކުށް މަދު ނަމަވެސް ފުލުހުންގެ މަރުކަޒެއް ހުރުމުގެ ބޭނުމަކީ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި އެކި ކަންކަމުގައި ރައްޔިތުންނަށް އެހީތެރިވުމާއި ކާރިސާގެ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކުށުގެ ވެށި ނެތް މުޖުތަމައެއްގެ ގޮތުގައި ރަށް ދެމެހެއްޓުމެވެ. 

"”ފުލުހުންގެ މަރުކަޒެއް ހުރުމުގެ ހަމައެކަނި ބޭނުމަކީ އިރުއިރުކޮޅާ ކުށްވެރިން ހައްޔަރުކުރުމެއް ނޫން. ކުށެއް ނެތް މުޖުތަމައެއްގައިވެސް މި ސްޓޭޝަނުން ކުރާނެ ވަރަށް ބައިވަރު މަސައްކަތްތައް ހުންނާނެ،“ އިހުސާން ވިދާޅުވި އެވެ. 

އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންގެ އިތުރުން ނ. ފޮއްދޫ ކައުންސިލްގެ ރައީސާއި މެންބަރުން އަދި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.