މީގެ ކުރިން ރިސޯޓް މުވައްޒަފުންނަށް ޑޮލަރުން ދެމުން އައި ސާވިސް ޗާޖް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުން ރުފިޔާއިން ދޭގޮތަށް ބަދަލުކުރުމާ އެކު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއަށް މި އަތޮޅު ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއް ސައްތާރު މުހައްމަދު މި ވަނީ ހިޔާލެއް ދޫކޮށްލައްވައިފަ އެވެ.
އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގައި އިއްޔެ ލިޔުއްވި ގޮތުގައި ރިސޯޓް މުވައްޒަފުން ނުވަތަ، 'ރިސޯޓް ބޯއީޒް' އުފާވާނޭ ގޮތެއް އެބަ އޮތެވެ. އެއީ އޮންލައިންކޮށް ޓްރޭޑްކުރަން އާންމުކޮށް ބޭނުންކުރާ އޮންލައިން ފައިސާއެއް ކަމަށްވާ، ޔޫއެސްޑީޓީން ރިސޯޓްތަކުގެ މުވައްޒަފުންނަށް ސާވިސްޗާޖް ދޭން ފެށުމެވެ.
"ތިޔަ ޗާޖް ދީބަލަ ޔޫއެސްޑީޓީން. [އޭރުން] ރިސޯޓް ބޯއީޒް ހެޕީވާނެ،" ޕީއެންސީއަށް ނިސްބަތްވާ އެ މެންބަރު ނޫ ކުލައިގެ ހިތެއް ޖަސަވަމުން ފޭސްބުކްގައި ލިޔުއްވި އެވެ.
'ނޫނު ނިއުސް'އިން އޭނާއާ ގުޅުމުން ވިދާޅުވީ އެއީ އަޅުގަނޑުގެ އަމިއްލަ ހިޔާލު ކަމަށެވެ. އަދި ޑޮލަރު ތާށި އިރު އޭނާއާށް ފެންނަނީ އެއީ ރަނގަޅު ގޮތެއް ކަމުގައި ވެސް ވިދާޅުވި އެވެ. އޭގެ ތަފްސީލަކަށް ވަޑައެއް ނުގެންނެވި އެވެ.
ޔޫއެސްޑީޓީއަކީ ކޮބާ؟
ޔޫއެސްޑީޓީ އަކީ ޓެދާ ކިޔާ ކުންފުންޏަކުން ނެރެފައިވާ ގަނެވިއްކާ އަގު ވަކި ވަރެއްގައި ހިފަހައްޓާފައިވާ ސްޓޭބަލް ކޮއިންއެކެވެ. އެގޮތުން:
- މިއީ އޭގެ އަގު އަބަދު ވެސް 1 އެމެރިކާ ޑޮލަރުގައި ހިފެހެއްޓިފައި ހުންނަ ކްރިޕްޓޯ ކަރަންސީއެއް
- ޔޫއެސްޑީޓީ ބޭނުންކުރެވެނީ ކްރިޕްޓޯ މާރުކޭޓުގައި ޓްރޭޑް ކުރުމަށާއި، އެހެން ކްރިޕްޓޯ ފައިސާތައް ގަނެ ވިއްކުމަށް
- މިއީ ދުނިޔޭގެ އެންމެ މަގުބޫލު ސްޓޭބަލް ކޮއިންތަކުގެ ތެރެއިން އެއް ކޮއިން
- ޔޫއެސްޑީޓީ ގެ ނުފޫޒު ވަރަށް ބޮޑު؛ ކޮންމެ ޓޯކަނަކަށް އެއާ އެއްވަރުގެ އަދަދެއްގެ އެމެރިކާ ޑޮލަރު ރިޒާވުގެ ގޮތުގައި ބަހައްޓާފައި ހުރޭ
ޔޫއެސްޑީޓީ އާންމުކޮށް ރާއްޖޭގައި މިވަގުތު ގަންނަން ލިބެނީ 18.5ރ. އަށެވެ.