އަތޮޅު ކައުންސިލް އުވާލައި ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަޝްވަރާއަށް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މަޖިލީހަށް ހުށަހެޅި ގަރާރަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.
މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް އާންމުންގެ ހިޔާލު ހޯދުމަކީ، އާންމުކޮށް މަޖިލީހުން ކުރާ ކަމެއް ނޫނެވެ.
މި މަހުގެ 15 ވަނަ ދުވަހު އޮތް މަޖިލިސް ޖަލްސާގައި މި ގަރާރު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
މަޖިލީހުން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން، އެ ގަރާރުގައި ހުރި ކަންކަމަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ މެންދުރު 12ގެ ނިޔަލަށެވެ. އަދި ހިޔާލު ފޮނުވަން ޖެހެނީ:
- މަޖިލީހުގެ އިދާރާއަށް ލިޔުމުން ނުވަތަ [email protected] އަށް އީމެއިލްގެ ޒަރިއްޔާއިން
އެ ގަރާރުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން ފަސް ކައުންސިލަރުން ތިބެން ޖެހުމުން ކުރަންޖެހޭ ހަރަދު ބޮޑުވުމާއި، އެއާ އެއްވަރަށް ނަތީޖާ ނުނެރެވޭކަމުގެ ކަންބޮޑުވުންތަކެވެ.
ރައީސް މުހައްމަދު މުއިއްޒު ވަނީ މި އަހަރުގެ ޖުލައި 7 ވަނަ ދުވަހު ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި، ލޯކަލް ކައުންސިލްތަކުގެ ސައިޒު މިހާރު މާބޮޑުކަމަށް ފާހަގަކުރައްވާފަ އެވެ. އަދި ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް މި ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އިއުލާންކުރެއްވި އެވެ. އެގޮތުން ރައީސް ފާޅުކުރެއްވި ހިޔާލަކީ:
- އާބާދީ 3،000 އަށްވުރެ ދަށުގެ ރަށްރަށުގައި ތިން ކައުންސިލަރުން ތިބޭ ގޮތަށް ހަމަޖެއްސުން
- އަދި އަތޮޅު ކައުންސިލްތައް އުވާލުން
ނަމަވެސް އިދިކޮޅު އެމްޑީޕީން ވަނީ އެ ބަދަލުތަކަށް ފާޑުކިޔާ، ކައުންސިލަރުންގެ އަދަދު މަދުކުރަން މި އުޅެނީ ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޭ އެހީއަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ކަމަށް ތުހުމަތުކޮށްފަ އެވެ.