ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާޔަތެއް ދިނުމަށް ދިރާސާއެއް ސަރުކާރުން ކުރަން ފަށައިފި އެވެ.
މިކަން ހާމަކޮށްފައި ވަނީ ރައީސް މުހައްމަދު މުއިއްޒު މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެދުމަށް ކަމާބެހޭ ވަޒީރުންނަށް ދަންނަވާފައިވާ ކަމަށެވެ.
"މި ކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމައަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ކަމެއް،" ރައީސްގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.
އެ ދިރާސާއަށް ފަހު އެކަމާ ގުޅޭ ކަރުދާހެއް ތައްޔާރުކޮށް ހުށަހެޅުމަށް ވެސް ކަމާ ބެހޭ ވަޒީރުންނަށް އިރުޝާދުދީފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ދުންފަތާ ދުރުކުރުމުގެ ގޮތުން ސިނގިރޭޓް ހިމެނޭހެން ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ބޮޑުކުރުމާއި ވޭޕް މަނާކުރުން ފަދަ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ. އަދި 2007އިން ފެށިގެން އުފަންވެފައިވާ ހުރިހާ އެންމެންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް، ޖެނެރޭޝަން ބޭންއެއް ވަނީ ގެނެސްފަ އެވެ.