މިލަދޫ ބަނދަރު ބެލެހެއްޓުމާ ގުޅޭ އުސޫލެއް ކައުންސިލުން އެކުލަވާލާ ރަށު ރައްޔިތުންގެ ހިޔާލަށް ހުޅުވާލައިފި އެވެ. ހިޔާލު ހޯދުމަށް ކައުންސިލުން އާންމު ބައްދަލުވުމެއް ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ. 

އެ އުސޫލުގައިވާ ގޮތުން ރަށުގެ ބަނދަރުގައި ހަތް ސަރަހައްދެއް ކަނޑައަޅާ އެ ސަރަހައްދުތަކުގައި ހުއްދަ ކޮށްފައިވާ ކަމަކަށް ނޫން ގޮތަކަށް އެތަންތަން ބޭނުން ނުކުރެވޭނެ އެވެ. އަދި އެންމެ ބޮޑު އެއް ކަމެއްގެ ގޮތުގައި އުސޫލުގައި އޮތީ ބޯސާ ނުވަތަ ވާ އަޅާފައި ދިގު މުއްދަތަށް އުޅަނދުތައް ބޭއްވުމަށް ފީނަގާނޭ މިންވަރު އުސޫލުގައި ކަނޑައަޅާފައިވުމެވެ. އެގޮތުން: 

  • ކުދި އުޅަނދުތަކަށް: މަހަކަށް 100ރ. ރޭޓުން އަހަރަކަށް 1،200ރ. 
  • 10-20 މީޓަރުގެ އުޅަނދުތަކަށް: މަހަކަށް 120ރ.ގެ ރޭޓުން އަހަރަކަށް 1،440ރ. 
  • 21 މީޓަރުގެ ބޮޑެތި އުޅަނދުތަކަށް: މަހަކަށް 225ރ.ގެ ރޭޓުން އަހަރަކަށް 2،700ރ. 

މީގެ އިތުރަށް އުސޫލާ ހިލާފަށް ބަނދަރު ބޭނުން ކުރާ އުޅަނދުތައް ހިލާފުވާ ކޮންމެ ފަހަރަކު 500ރ. އިން ޖޫރިމަނާ ކުރުން ފަދަ ބަނދަރު ބޭނުން ކުރުމުގެ އުސޫލާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރެވޭނޭ އުސޫލުތައް ވެސް ކަނޑައަޅާފައިވެ އެވެ. 

އެ އުސޫލަށް އާންމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުން ބާއްވަން ކައުންސިލުން ތާވަލްކޮށްފައި ވަނީ މިރޭ، 8:45ގައި ހިދާޔާ ސްކޫލް ހޯލުގަ އެވެ. އެބައްދަލުވުމުގައި ރަށުގެ ވީހާ ވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ވަނީ ދައުވަތު ދީފަ އެވެ.