ހޮޅުދުއަކީ ގުރުއާނަށް ލޯބިކުރާ އަހުލުވެރި ބަޔަކު އުޅޭ ރަށަކަށް ހެދުމަށް ކުރިއަށް ގެންދާ އެންމެ މުހިންމު ހަރަކާތަކީ އަހަރަކު އެއް ފަހަރު ބާއްވާ ހޮޅުދޫ ގުރުއާން މުބާރާތެވެ. މޭނާ ސްކޫލާއި ރަށު ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން އަހަރަކު އެއް ފަހަރު ބާއްވާ އެ މުބާރާތް ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ގެންގޮސް ރޭ ވަނީ ނަތީޖާ ފާޅުކޮށްފަ އެވެ.
120އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި ދެ ދުވަހުގެ މުއްދަތަށް ކުންދިޔަ އެ މުބާރާތުގައި އެންމެ ފާހަގަކޮށްލެވޭ ވަނަތަކަކީ މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން:
- 1 ވަނަ: އާއިޝަތު ޝައިރީ އިބްރާހިމް، 7އޭ
- 2 ވަނަ: މުހައްމަދު ޒީކް ސިރާޖް، 9ބީ
- 3 ވަނަ: ޝައިމް ބިންތު އައްބާސް، 9އޭ
ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން ވަނަތައް ހޯދި ދަރިވަރުންނަކީ:
- އިބްރާހިމް ޒައުކް ޒަރީރު، 3އޭ
- މަރުޔަމް މާޔަލް އަބްދުﷲ، ޔޫކޭޖީ
- މުހައްމަދު ޒައިކް ޒަރީރު، 6ބީ
ޝައިރީ: ގުރުއާނަށް ހާއްސަ ލޯތްބެއް، ހިފްޒު ކުރަން ފަށައިފި
މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދި ޝައިރީގެ މަންމަ ސުމައްޔަތު ސައީދު މިއަދު، 'ނޫނު ނިއުސް'އަށް ކިޔައިދިން ގޮތުގައި ޝައިރީއަކީ ގުރުއާން ކިޔެވުމަށް ވަރަށް ލޯބި ހުންނަ ކުއްޖެކެވެ. ކުޑައިރުއްސުރެ ވެސް ގުރުއާން ރީތިކޮށް ކިޔަވާ ޝައިރީ ކޮންމެ ދުވަހަކު ވެސް ގުރުއާން ފަރިތަކޮށް ގުރުއާން ކިޔެވުމަށް ވަގުތު ހުސްކުރާ ކަމަށް އޭނާ ބުންޏެވެ.
އެކަމަށް ޝައުގުހުރެގެން އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެ އެވެ. ނަތީޖާއަކީ ގިނަ މުބާރާތްތަކުން އޭނާއަށް ވަނަތައް ލިބެމުން ދިޔުމެވެ.
"ސްކޫލްގައި ކިތަންމެ ބިޒީ ވިޔަސް ވަގުތުހުސްކޮށްގެން ކޮންމެ ދުވަހަކު ވެސް ޝައިރީ ގުރުއާން ފަރިތަކޮށް ކިޔަވާ ހަދާނެ. ޔޫޓިއުބް ބަލައިގެން ރާގުތަކާ އެއްޗިހި ދަސްކޮށް އެކަމަށް ވަރަށް މަސައްކަތް ކުރާނެ،" ސުމައްޔަތު ނޫނު ނިއުސްއަށް ކިޔައިދިނެވެ.
އޭނާ ބުނީ ޝައިރީ މިހާރު ވަނީ ގުރުއާން ހިފުޒް ނުވަތަ ހިތުދަސްކުރަން ފަށައިފަ އެވެ. އެ މަސައްކަތް ފެށިތާ އަދި މާގިނަ ދުވަހެއް ނުވި ނަމަވެސް، އެކަން ހާސިލްވުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށް ވެސް ސުމައްޔަތު ބުންޏެވެ.
"އިރާދަކުރެއްވިޔާ އެކަން ވެސް ޝައިރީއަށް ހާސިލާވާނެ،" ސުމައްޔަތު ބުންޏެވެ.
އޭނާ ވަނީ ޝައިރީގެ ކާމިޔާބުގައި ގުރުއާން ޓީޗަރުންނާއި އެ ރަށަށް ވަޑައިގަންނަވާ އެކި ހާފިޒުންގެ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
"މިހާރު ޝައިރީ އެކިޔަވާ ރާގުވެސް އެއީ މިކޮޅަށް ވަޑައިގެން ގާރީއެއްގެ ފަރާތުން އިވިގެން އިންސްޕަޔާ ވެގެން ފަރުތަކުރަން ފެށީ. ބޭސް ގުރުއާން ކުލާހުގެ ޓީޗަރުނާއި ގާރީންނާ ވަރަށް ބެސްޓް، އެބޭފުޅުންގެ ވަރަށް ބޮޑު ބައިވެރިވުމެއް ޝައިރީގެ މި މަސައްކަތުގައި އޮވޭ،" ސުމައްޔަތު ބުންޏެވެ.
ޒައުކް: ގުރުއާން ކިޔެވުމަށް ޝައުގު ބޮޑު؛ މަންމަ އުފަލުން
ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދި ޒައުކުގެ މަންމަ މިއަދު 'ނޫނު ނިއުސް'އަށް ބުނި ގޮތުގައި ޒައުުކުއަކީ ވަރަށް ބަސް އަހައިގެން މައިންބަފައިން ދޭ އިރުޝާދު ތަކާ އެއްގޮތަށް އަމަލުކޮށް ގުރުއާން ރީތިކޮށް ކިޔަވާ ހިތުދަސްކުރުމަށް އަހަންމިއްޔަތުކަން ދޭ ކުއްޗެކެވެ.
"ބުނާ ބަސް އަހައިގެން ހަމަ ދުވާލުގެ ހުރިހާ ވަގުތެއްގައި ވެސް ގުރުއާން ދަސްކޮށް އެކަމަށް ވަގުތު ހޭދަކުރާނެ. ޒައުކުގެ މަންމަ ބުންޏެވެ.
ޒައުކުގެ ކިޔެވުމަކީ ރީތި ކިޔެވުމެކެވެ. އަދި އޭނާ ވަނީ މިހާ ޅައުމުރުގައި ވެސް ގުރުއާން ހިތުދަސް ކުރުމަށް ގަދަ އަޅާ މަސައްކަތް ފަށައިފަ އެވެ. މިހާރު ވެސް ދެ ފޮތް ހިތުދަސްކޮށްފަ އެވެ. އަދި އިތުރު ފޮތްތައް ހިތުދަސްކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
ޒައުކުގެ މޮޅު ކިޔެވުމުގެ ސަބަބުން، އޭނާއަށް ވަނީ މިދިޔަ އަހަރު ވެސް އަތޮޅު ގުރުއާން މުބާރާތުން ވެސް ރަން ވަނައެއް ލިބިފަ އެވެ. އެއީ މުޅި މުބާރާތުން 3 ވަނަ އެވެ.
"ވަރަށް އުފާވޭ ވާދަކޮށްގެން މިކަހަލަ ރަނގަޅު ވަނައެއް ޒައުކްއަށް ލިބުނީމާ،" މަންމަ ބުންޏެވެ.
"ވަރަށް އުފާވެފައި މި ހުރީ."
ހޮޅުދުއަށް މުހިންމު މުބާރާތެއް
އެ މުބާރާތް އިންތިޒާމްކުރި، މޭނާ ސްކޫލްގެ ޕްރިންސިޕަލް ނޫނު ނިއުސްއަށް މިއަދު ވިދާޅުވީ އެ މުބާރާތުގެ ސަބަބުން ގުރުއާނަށް އޮންނަ ލޯބި ހޮޅުދޫ ރައްޔިތުންގެ މެދުގައި އިތުރުވާ ކަމަށެވެ. އަދި އެ މުބާރާތުގެ ސަބަބުން، އަތޮޅު އަދި ގައުމީ ގުރުއާން މުބާރާތަށް ސުކޫލުގެ ދަރިވަރުން ތައްޔާރުކުރަން ބާރަކަށްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މުބާރާތުގެ ތެރެއިން ހުނަރުވެރި ކުދިންތަކެއް އުފެދިގެން އާދޭ. އަނެއްކާ ގުރުއާނަށް ދަރިވަރުން ދޭ ސަމާލުކަން މިކަމުން އިތުރުކޮށްދޭ،" ޕްރިންސިޕަލް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އެ މުބާރާތް ބޭއްވުމުގެ ރަށުގެ ހުރިހާ މުއައްސަސާއެއްގެ އެއްބާރުލުން ބޮޑެވެ.
"މީގައި އެންމެންގެ އެއްބާރުލުން ގުޅުން މި މުބާރާތުގެ ސަބަބުން އިތުރުކޮށްދޭ،" ޕްރިންސިޕަލް ވިދާޅުވި އެވެ.
އިތުރު ވަނަތައް
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ޝަރަފުވެރިކޮށްދެއްވި ޖަލްސާގައި މުބާރާތުގެ އިތުރު ވަނަތައް ވެސް ވަނީ ހޮވައިފަ އެވެ. އެގޮތުން:
ހައުސްތައް:
- 1 ވަނަ ހައުސް: މަދޮށި ހައުސް
- 2 ވަނަ ހައުސް: ދިއްގާ ހައުސް
- 3 ވަނަ ހައުސް: ހިނރުދު ހައުސް
ދެން އެ މުބާރާތުގެ އެކި ބައިތަކުން ވަނަތަކަށް ދިޔަ ދަރިވަރުންނަކީ:
ވަނަތަކަށް ދިޔަ ދަރިވަރުންނަށް ޓްރޮފީގެ އިތުރުން، ފައިސާގެ އިނާމުތައް ވެސް ވަނީ ދީފަ އެވެ.