މި އަތޮޅަށް ނިސްބަތްވާ ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)ގެ މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މި އަތޮޅު ހިމެނޭ ގޮތުން ގިނަ ދާއިރާތަކަށް ވާދަކުރާނޭކަން އިއުލާންކޮށްފި އެވެ. 

އޭގެ ތެރޭގައި މި އަތޮޅުގެ ދާއިރާތައް ވެސް ހިމެނޭކަން އެނގިފައިވެ އެވެ. 

އެ ޕާޓީގެ ނައިބު ރައީސް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީއޭ ގެ ފަރާތުން ގިނަ ދާއިރާ ތަކަކަށް ވާދަކުރާނެ ކަމަށެވެ. އަދި ޕާޓީގެ ފަރާތުން ވާދަކުރުމަށް ބޭނުންވާ ޕާޓީގެ ކޮންމެ މެންބަރަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީއޭން އެކި ދާއިރާތަކަށް ވަރަށް އަވަހަށް ދަތުރުތަށް ފަށާނޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އެމްޑީއޭ އަކީ އަބަދު ވެސް ރައްޔިތުންނާ ކައިރިން މަސައްކަތް ކުރަމުންދާ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ހައްގުގައި ބަސްބުނެ ވަކާލާތު ކުރާނެ ހަރުދަނާ ސިޔާސަތެއްގެ މައްޗަށް ހިގަމުންދާ ސިޔާސީ ޕާޓީއެއް،" އައްބާސް ވިދާޅުވި އެވެ. 

އޭނާ މިފަހުން ވަނީ ދާއިރާގެ ތަރައްގީގެ މަޝްރޫއުތައް ނުހިނގާތީ ކުރިއަށް އޮތް  ކައުންސިލް އިންތިހާބުގައި ރައްޔިތުން މި ސަރުލާރަށް ނޫނެކޭ ބުނާނެ ކަމަށް ވިދާޅުވެފަ އެވެ.