ފޮއްދޫގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން އިއްޔެ އަމަލީ ގޮތުން ފެށުމާ އެކު ފޮއްދޫއަށް މިއީ ހާއްސަ ވަގުތުކޮޅެކެވެ.

އެންމެން އުފަލުން

ފޮއްދޫ ކައުންސިލްގެ ރައީސް، މުހައްމަދު މޫސާ މިއަދު 'ނޫނު ޑެއިލީ'އަށް ވިދާޅުވި ގޮތުގައި އެ ރަށުގެ ރައްޔިތުން ބަނދަރެއްގެ އިންތިޒާރުގައި ތިބޭތާ މިހާރު 47 އަހަރު ވެދާނެ އެވެ. އެ މަސައްކަތް ފެށުން އެއީ ރަށުގެ އެންމެންނަށް ލިބުނު ހިނިތުންވުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ. 

"ވަރަށް އިންތިޒާރު ކުރި ކަމެއް ފެށިގެން މިދަނީ. 47 އަހަރު ވެއްޖެ އެކަމަށް އެދޭތާ. އެންމެ ފަހުން ރަށުގެ ރައްޔިތުން ވެސް އަދި ކައުންސިލް ވެސް ބޭނުންވި ތަނުގައި ބޭނުންވި ގޮތަށް ބަނދަރު ހެދިގެން އެ ދަނީ،" މުހައްމަދު މޫސާ ވިދާޅުވި އެވެ. 

ފޮއްދޫ ބަނދަރުގެ އަމަލީ މަސައްކަތް އިއްޔެ ފެށުން (ފޮޓޯ/އެމްޓީސީސީ)

ހުޅަނގު ފަރާތުގައި ހަދާ އެ ބަނދަރުގެ މަޝްރޫއުގެ މަސައްކަތް އިއްޔެ ފެށުނުކަން އިއުލާންކުރަމުން އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނީ:

  • މުޅި މަޝްރޫއަށް ޖުމްލަ 49.77 މިލިއަން ރުފިޔާ ހަރަދުކުރާނެ
  • ބަނދަރަށް 30,648 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރާނެ
  • 3,990 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ނެރު ފުން ކުރާނެ
  • 145 މީޓަރުގެ ބޭރު ތޮށިލައި 165 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެ
  • 130 މީޓަރުގެ ދިގު އެއްގަމު ތޮއްޓެއް ލާނެ

މީގެ އިތުރަށް އެ މަޝްރޫއުގެ ދަށުން 125 މީޓަރު ދިގު އަދި 6 މީޓަރު ފުޅާ ޖެޓީއެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި 600 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

އާބާދީގައި 504 މީހުން ދިރިއުޅޭ ފޮއްދޫގައި މިހާތަނަށް ރަނގަޅު ބަނދަރެއް ނެތުމުގެ ސަބަބުން ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލަފާފުރުމުގައި ގިނަގުނަ ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. އެގޮތުން އިރުވައި މޫސުމުގައި ކަނޑުގަދަވާ ދުވަސްވަރު އެ ރަށަށް ލަފާ ފުރުން އުނދަގޫވެ އެ ރަށުގެ މީހުން ރަށު ބަންދުވެ އެވެ.

ރަށަށް އިތުރު ތިޔާގިކަން ލިބޭނެ

ފޮއްދޫ ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ބަނދަރު ހެދުމުން ރަށަށް އިތުރު ފާހަގަތިކަން ލިބިގެންދާނެ އެވެ. އެ ރަށަކީ ޅ. އަތޮޅާ ދިމާލުން ނ. އަތޮޅު ފެށޭ ހިސާބުގައި ބަރަވެލިކަނޑަށް ވާ ގޮތަށް އޮންނަ ރަށެކެވެ. އޭނާ ވިދާޅުވީ އެހެންވުމުގެ ސަަބަބުން މޫސުން ގޯސްވެ ގަދަވާ ދުވަސްވަރު ވެސް ރ. އަތޮޅު ފަދަ ހިސާބުތަކަށް ދަތުރު ކުރާ ނާލު ބޯޓުފަހަރު އެ ރަށުގައި ބަނދަރުކުރާނެ އެވެ.

"އޭރުން މުދާ ގެނައުމާ މިކަންކަމަށް ފަސޭހަވާނެ. އަދި އިތުރު އާމްދަނީ ވެސް ރަށަށް ލިބޭނެ މަގެއް މިއީ. މިހާރު ވެސް ބޯޓު މިކޮޅުގައި ނުޖައްސަނީ ރަނގަޅު ބަނދަރެއް ނޯންނާތީ،" މުހައްމަދު މޫސާ ވިދާޅުވި އެވެ. 

ފޮއްދޫއަކީ މި އަތޮޅުގައި އެންމެ ބޮޑަށް ރަށު ފަތުރުވެރިކަން ކުރިއަރާފައިވާ ރަށެވެ. އެ ރަށުގައި ރަށަށް ފައިބަން ހަދާފައި އޮންނަނީ ޖެޓީ އެކެވެ.  

އެމްޕީ އައްބާސްގެ ހިފެހެއްޓުމެއް ނެތް ޝުކުރު 

ފޮއްދޫ ހިމެނޭ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ އެ މަޝްރޫއުގެ މަސައްކަތް ފެށުމުން ސަރުކާރާއި ރައީސް މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފަ އެވެ. އޭނާ ވެސް ފާހަގަކުރެއްވި ގޮތުގައި މުޅި ފޮއްދޫއަށް އިއްޔެ އަކީ ވަރަށް ހާއްސަ، އުފާވެރި ދުވަހެކެވެ.

ސަބަބެއްގެ ގޮތުގައި ވިދާޅުވީ ދުވަހަކު ވެސް ބަނދަރެއް ނެތް ރަށަކަށް އެ ފަސޭހަ ގެނެސްދޭން މި ސަރުކާރުން މަސައްކަތް ފެށީތީ އޭނާއެކަން ހިފެހެއްޓުމެއް ނެތް ޝުކުރާ އެކު ފާހަގަކުރެއްވި އެވެ. 

"އަޅުގަނޑުގެ ދުއާއަކީ އެދުމަކީ އެ މަސައްކަތް ނުހުއްޓި ބާރު ސުޕީޑްގައި ކުރިއަށް ގެންގޮސް ނިންމާލައި ފޮއްދޫ ރައްޔިތުން ރެއާއި ދުވާލު ކުރަމުން ދެކެމުން އައި ހުވަފެންތަކަށް، އުންމީދުތަކަށް ތަސައްލީއެއް [ހައްލެއް] ލިބިގެން ދިޔުން،" އެމްޕީ އައްބާސް ވިދާޅުވި އެވެ.