ފޮއްދޫ ޔާގޫތުގެ، މުހައްމަދު އިޔާން އަލީ އާދަމަކީ ކުޑައިރުއްސުރެ ގުރުއާނަށް ލޯބިކުރާ ކުއްޖެކެވެ. އޭނާގެ މި ޝައުގުވެރިކަން ހަގީގަތަކަށް ހެދުމަށް ކުރި ބުރަ މަސައްކަތުން އުމުރުން 18 އަހަރުގައި ފޮއްދޫގެ ތާރީހުގައި ފުރަތަމަ ހާފިޒަކަށް ވުމުގެ ޝަރަފު އޭނާ މި ވަނީ ހޯދައިފި އެވެ.
އިޔާންގެ މަންމަ ހާމިދާ އިބްރާހިމް ވިދާޅުވެފައިވާ ގޮތުގައި އިޔާންގެ ހިތުގައި ކުޑައިރުއްސުރެ އޮތް ގުރުއާން ހިތުދަސްކުރުމުގެ އުންމީދު ހަގީގަތަކަށް ހެދުމަށް އޭނާ ބުރަކޮށް މަސައްކަތްކުރި އެވެ. އިޔާން ހިތްވަރު އެލުވާ ނުލާ މަސައްކަތް ކުރި އެވެ. ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމުގައި 2015 އަދި 2016 ވަނަ އަހަރު ބައިވެރިވި ނަމަވެސް އިމްތިހާނުން ފާސްނުވެ ފުރުސަތު ގެއްލުނެވެ.
ނަމަވެސް އިޔާން ހިތްވަރު ދޫކޮށެއް ނުލަ އެވެ. އިޔާން ގޭގައި ހުރެ ގުރުއާން ހިތުދަސްކުރުން ކުރިއަށް ގެންދިޔަ އެވެ. ޖެހިގެން އައި، 2017 ގައި ގުރުއާނާ ބެހޭ މަރުކަޒުން ފުރުސަތު ލިބުނުއިރު، އޭނާ ވަނީ ތިން ފޮތް ހިތުދަސްކޮށްފަ އެވެ. ކޮވިޑް-19 ގެ ސަބަބުން ދެ އަހަރު ގެއްލުނު ނަމަވެސް، ފަސް އަހަރު ތެރޭ އިޔާން ވަނީ މުޅި ގުރުއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިން ފާސްވެފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި، މެއި 19 އިން ފެށިގެން ޖޫން 30 އާ ހަމައަށް، ދުވާލަކު އެއް ފޮތް މިންވަރަށް ކިޔައިދީ، 30 ދުވަހުގެ ތެރޭގައި މުޅި ހަތިމް އިޔާން ވަނީ ފުރިހަމަކޮށް ކިޔައިދީފަ އެވެ.
މިހާރު ވިލާ އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ އިޔާނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ވަގުތު ހޯދުމެވެ. ދެ ސްޓްރީމްއެއްގައި ކިޔެވުމާއެކު، ގުރުއާން ހިތުދަސްކުރުމަށް ވަގުތު ހޯދުމުގައި ދަތިތަކާ ކުރިމަތިވި އެވެ. ނަމަވެސް، އޭނާގެ ބުރަ މަސައްކަތާއި، ގުރުއާނާ ބެހޭ މަރުކަޒު، ޓީޗަރުން، ސްކޫލް އަދި އާއިލާގެ އެހީތެރިކަމާއެކު އޭނާ މި ވަނީ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދައިފަ އެވެ.
މިނިސްޓަރު ޝަހީމް ވަނީ އިޔާންއާ ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފަ އެވެ. ގުރުއާނުގެ އިލްމުން ކުރިއަށް ދިޔުމަށާއި ހުތުބާ ކިޔުމާއި ތަރާވީހު ނަމާދު ކުރުން ފަދަ ކަންކަމުގައި އިސްނެގުމަށް އެ ބައްދަލުވުމުގައި މިނިސްޓަރު އިޔާނަށް ނަސޭހަތްތެރިވި އެވެ. އިޔާންގެ މަންމަ ވިދާޅުވި ގޮތުގައި، އޭނާ ވަނީ ކުރިއަށް އޮތް ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.