ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަތޮޅުގެ ރަށްރަށަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރެއް މިއަދު ހެނދުނު ފައްޓަވައިފި އެވެ.
މި ދަތުރުގައި ރައީސް، މި އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަކަށް ޒިޔާރަތްކުރައްވާނެ އެވެ. އެގޮތުން ޒިޔާރަތްކުރައްވާ ރަށްތަކަކީ:
- ހެނބަދޫ
- ހޮޅުދޫ
- ޅޮހި
- ކުޑަފަރި
- ކެނދިކުޅުދޫ
- ވެލިދޫ
- މަނަދޫ
- މަގޫދޫ
- މާޅެންދޫ
- މާފަރު
- މިލަދޫ
- ފޮއްދޫ
- އަދި ލަންދޫ
އެގޮތުން އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ މިއަދު ހެނދުނު މާފަރަށެވެ.
މި ދަތުރުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދަތުރުގެ ތެރޭން ބައެއް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި ޕޮލިސް ޕޯސްޓްތައް ގާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ. އަދި ސްކޫލްތަކާއި ސިއްހީ މަރުކަޒުތަކުގެ ކުރިއެރުމަށް ރޭވިފައިވާ މަޝްރޫއުތަކެއް ވެސް ފައްޓަވައިދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުގައޮ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ. ރައީސް މުއިއްޒު މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގަންނަވާނީ މި މަހުގެ ބުރާސްފަތި ދުވަހު އެވެ.