އެސްޓީއޯގެ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓު އާންމުކޮށްފައިވާއިރު، އެންމެ ބޮޑު އެއް ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އަތޮޅުތެރޭގެ ރަށްރަށަށް ބޭނުންވާ ތެޔޮ ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން 6 ރަށެއްގައި ޒަމާނީ މޮޑިއުލާ ފިއުލް ސްޓޭޝަން (ތެޔޮ ޝެޑް) ގާއިމުކުރުމެވެ. މިއީ އަތޮޅުތެރޭގެ އުމްރާނީ ތަރައްގީއަށާއި ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެސްޓީއޯގެ ކުއާޓާ ރިޕޯޓްގައި ފާހަގަކުރި އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމްއިން ޒަމާނީ ތެޔޮ ޝެޑްތައް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭ ގާއިމުކުރި ރަށްތަކަކީ:
- ރ. ދުވާފަރު
- ހއ. އިހަވަންދޫ
- ހދ. ހަނިމާދޫ
- ށ. މިލަންދޫ
- ފ. ނިލަންދޫ
- ބ. އޭދަފުށި
މި މަޝްރޫއުގެ ސަބަބުން މި ރަށްރަށުގެ އިތުރުން ކައިރި ރަށްތަކަށް ވެސް ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަން އެސްޓީއޯއިން ފާހަގަކުރެ އެވެ.
މާލީ ގޮތުން ރެކޯޑު ކުރިއެރުމެއް
އެސްޓީއޯގެ މާލީ ހިސާބުތަކަށް ބަލާއިރު، ކުންފުނީގެ އާމްދަނީ ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު %33 އިތުރުވެ، 5.48 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާއި، ބަންކަރިން ހިދުމަތް ފުޅާވެ ތެޔޮ ވިއްކި މިންވަރު %27 އިތުރުވުމެވެ.
މި ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު 244 މިލިއަން ރުފިޔާއާ އަޅާބަލާއިރު %13 ބޮޑު ކުރިއެރުމެކެވެ.
މުޖުތަމައަށް ފައިދާހުރި ގިނަ އިންވެސްޓްމަންޓްތަކެއް
ވިޔަފާރީގެ ކާމިޔާބީގެ އިތުރުން، އެސްޓީއޯ އިން ވަނީ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން ގިނަ ކަންތައްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި:
- ފ. އަތޮޅު ހޮސްޕިޓަލުގައި ފިޒިއޮތެރަޕީ ސެންޓަރެއް ގާއިމުކުރުމަށް 200,000ރ.ގެ އެހީތެރިކަން ފޯރުކޮށްދިނުން.
- ހުޅުމާލެ ފޭސް 2 ގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުމަށް އެޗްޑީސީއަށް 307,803ރ.ގެ އެހީ ދިނުން.
- ދާންދޫ ސްކޫލަށް ބޭނުންވާ އޭސީ އަދި ކުލަ ގަތުމަށް 144,185ރ. ހަދިޔާކުރުން.