މި އަތޮޅު ފޮއްދޫގައި ހަދާ އާ ބަނދަރުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ. 

އެމްޓީސީސީން ބުނީ އެ ރަށުގެ ހުޅަނގު ފަރާތުގައި ހަދާ އާ ބަނދަރުގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ބަނދަރު ހެދުމަށް ފުން ކުރުމުގެ މަސައްކަތްތަކެވެ. ބަނދަރު މަޝްރޫއުގެ އަދި ނިމިފައި ވަނީ %10 މަސައްކަތެވެ.  

އެ ރަށުގެ ރައްޔިތުން އެދެމުން ދާތާ 50 އަކަށް އަހަރުފަހުން ފޮއްދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީން އަމަލީ ގޮތުން ފެށީ މީގެ ނުވަ މަހެއްހާ ދުވަސްކުރިންނެވެ. 

އާބާދީގައި 504 މީހުން ދިރިއުޅޭ ފޮއްދޫގައި މިހާތަނަށް ރަނގަޅު ބަނދަރެއް ނެތުމުގެ ސަބަބުން ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލަފާފުރުމުގައި ގިނަގުނަ ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. އެގޮތުން އިރުވައި މޫސުމުގައި ކަނޑުގަދަވާ ދުވަސްވަރު އެ ރަށަށް ލަފާ ފުރުން އުނދަގޫވެ އެ ރަށުގެ މީހުން ރަށު ބަންދުވެ އެވެ.

އާ ބަނދަރުގެ އެ މަޝްރޫއުގެ ދަށުން: 

  • މުޅި މަޝްރޫއަށް ޖުމްލަ 49.77 މިލިއަން ރުފިޔާ ހަރަދުކުރާނެ
  • ބަނދަރަށް 30,648 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރާނެ
  • 3,990 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ނެރު ފުން ކުރާނެ
  • 145 މީޓަރުގެ ބޭރު ތޮށިލައި 165 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެ
  • 130 މީޓަރުގެ ދިގު އެއްގަމު ތޮއްޓެއް ލާނެ

މީގެ އިތުރަށް އެ މަޝްރޫއުގެ ދަށުން 125 މީޓަރު ދިގު އަދި 6 މީޓަރު ފުޅާ ޖެޓީއެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި 600 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

ފޮއްދޫއަކީ މި އަތޮޅުގައި އެންމެ ބޮޑަށް ރަށު ފަތުރުވެރިކަން ކުރިއަރާފައިވާ ރަށެވެ. އެ ރަށުގައި ރަށަށް ފައިބަން ހަދާފައި އޮންނަނީ ޖެޓީ އެކެވެ.