ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުންދާ މި ދަނޑިވަޅުގައި، ނޫނު އަތޮޅުގައި އޮންނަ ޝެވަލް ބްލާންކް ރަންދެލި ރިސޯޓުން ވަނީ ކަނޑުމަތީގައި ބަހައްޓާފައިވާ ރާއްޖޭގެ އެންމެ ބޮޑު ފްލޯޓިން ސޯލާ ސިސްޓަމް ބޭނުންކުރަން ފަށާފަ އެވެ. ސްވިމްސޯލް ކުންފުނިން ފަރުމާކޮށްފައިވާ "ސޯލާސީ" ބްރޭންޑުގެ 2.4 މެގަވޮޓްގެ މި ސިސްޓަމާއެކު، ދުވާލުގެ ވަގުތުތަކުގައި އެ ރިސޯޓަށް ބޭނުންވާ ހަކަތަ މިހާރު އެއްކޮށް އުފައްދަނީ ސޯލާ އިންނެވެ. މީގެ ސަބަބުން އަހަރެއްގެ މައްޗަށް ޑީސަލަށް ކުރާ ހަރަދުން 1.5 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގެ އެކި އަތޮޅުތައް ގުޅިފައިވާ ކަރަންޓު ވިއުގައެއް ނެތުމުން ކޮންމެ ރަށަކަށް ވެސް ކަރަންޓު ދިނުމަށް އާންމުކޮށް ބޭނުންކުރަނީ ޑީސަލް ޖަނަރޭޓަރެވެ. ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ގެ ގާތްގަނޑަކަށް ދިހަބައިކުޅަ އެއްބައި ހޭދަކުރަނީ ހަމައެކަނި ޑީސަލް އެތެރެކުރުމަށެވެ. މިއީ މަސައްކަތްކުރާ ކޮންމެ މީހެއްގެ ދުވަހުގެ މަސައްކަތު ވަގުތުން 1 ގަޑިއިރު ކަރަންޓަށް ހޭދަކުރުން ފަދަ ކަމެކެވެ.

ރާއްޖޭގެ %1 ވުރެ ކުޑަ ސަރަހައްދަކީ ބިން ކަމަށްވެފައި، ގިނަ ރަށްރަށަކީ ބައިގަޑިއިރު ތެރޭގައި ވަށައި ހިނގާލެވޭހާ ކުދި ރަށްތަކެކެވެ. ޖުމްލަ 2.4 މެގަވޮޓްގެ ސޯލާ ޕެނަލް ބެހެއްޓުމަށް ފުޓުބޯޅަ ދަނޑެއްގެ ދެގުނަ ބޮޑުމިން ބޭނުންވާއިރު، ރަށްރަށުގައި އެ ޖާގައެއް ނޯވެ އެވެ. އެގޮތުން، 2014 ވަނަ އަހަރު ދުނިޔޭގެ ފުރަތަމަ ކަނޑުމަތީ ފްލޯޓިން ސޯލާ ޕްލެޓްފޯމް އުފެއްދި ސްވިމްސޯލް ކުންފުނީގެ "ސޯލާސީ" ފަރުމާކޮށްފައިވަނީ މި މައްސަލައަށް ހައްލެއް ހޯދައިދީ، މޫދުގައި ސޯލާ ޕެނަލް ބެހެއްޓުމަށެވެ. ސޯލާސީ ސިސްޓަމާއެކު، ކުރިއަށް އޮތް 30 އަހަރަށް ކަރަންޓު އުފެއްދުމަށް ކުރާ ހަރަދު އިގްތިސާދު ކުރެވޭނެ އެވެ. 

އިތުބާރު ހޯދުމަށް ކުރި ދަތުރު

މީގެ 10 ވަރަކަށް އަހަރު ކުރިން ރިސޯޓުތަކަށް ސޯލާ ތައާރަފުކުރަން އުޅުމުން، ގިނަ ފަރާތްތަކުން އެކަމަށް އެއްބަސްވެފައެއް ނުވެ އެވެ. ޑީސަލް އަކީ ތިމާވެއްޓަށް ގެއްލުންހުރި އެއްޗަކަށް ވިޔަސް، އެއީ އާދަވެފައިވާ އިތުބާރު ހިފޭ އެއްޗެއް ކަމަށް ރިސޯޓުތަކުން ދެކުނެވެ. ރޭގަނޑަކަށް 2،000 ޑޮލަރަށްވުރެ ބޮޑު އަގެއް ދައްކާ ފަތުރުވެރިން ތިބޭ ރިސޯޓުތަކުން ކަރަންޓް ކެނޑިދާނެތީ އިންޖިނިއަރުން ޖެހިލުންވި އެވެ.

އެހެންކަމުން ސްވިމްސޯލް އިން ފުރަތަމަ ފެށީ ފުރާޅުމަތީގައި ޕެނަލް ހަރުކޮށްގެން ސޯލާއިން ކަރަންޓު ދެވޭކަން ސާބިތުކޮށްދޭށެވެ. އޭގެ ފަހުން ސޯލާ ހުންނަ ވަގުތުތަކުގައި ރައްކާތެރިކަމާއެކު އިންޖީނުތައް ނިއްވާލެވޭނެކަން ސާބިތުކޮށްދިނުމަށް ފަހު، ކަނޑުމަތީގައި ސޯލާ ޕެނަލް ބެހެއްޓޭނެކަން ސާބިތުކޮށްދިނެވެ. ފުރަތަމަ ބޮޑު ރިސޯޓަކާއެކު އެއްބަސްވުމަކަށް އައުމަށް އެ ކުންފުންޏަށް 6 އަހަރު ނެގި އެވެ. މިއަދު ރާއްޖޭގެ 50 އަށްވުރެ ގިނަ ރިސޯޓުގައި ސްވިމްސޯލްގެ ސޯލާ ސިސްޓަމްތައް އަންނަނީ ބޭނުންކުރަމުންނެވެ. މީގެ ތެރޭގައި ފޯ ސީޒަންސް، ވޯލްޑޯފް އެސްޓޯރިއާ، ވަން އެންޑް އޮންލީ އަދި ދަ ރިޓްޒް-ކާލްޓަން ފަދަ މަޝްހޫރު ރިސޯޓުތައް ހިމެނެ އެވެ.

ލޮޖިސްޓިކްސް އަދި އޮޕަރޭސަންސް

ރަށްރަށުގައި ޕޯޓުތަކާއި ކޮންޓޭނަރު ބަހައްޓައި ގުދަންކުރާނެ ޖާގަ ނެތުމުން، 8 ޓަނުގެ ޓްރާންސްފޯމަރުތައް ރަށުގެ ހިމަ މަގުތަކުން (ގޮލްފް ބަގީ ދުއްވާ މަގުތަކުން) ގެންދިއުމަށް ސްވިމްސޯލްގެ އިންޖިނިއަރުން ވަނީ ހާއްސަ ޓްރޮލީތަކެއް ފަރުމާކޮށްފަ އެވެ. އެ ކުންފުނީގެ ސިސްޓަމްތައް ފަރުމާކޮށްފައިވަނީ ޔޫރަޕްގެ އިންޖިނިއަރިން މިންގަނޑުތަކަށެވެ.

ސްވިމްސޯލް އިން ސިސްޓަމް ފަރުމާކޮށް، ހަދައި، ބަލަހައްޓައި އަދި އޮޕަރޭޓްކުރަނީ އެއް ކޮންޓްރެކްޓެއްގެ ދަށުންނެވެ. މިއާއެކު ޑީސަލަށް ވުރެ ހެޔޮ އަގެއްގައި ކަރަންޓު ލިބި، ރިސޯޓުތަކަށް އެމީހުންގެ މައިގަނޑު މަސައްކަތް ކަމަށްވާ މެހެމާންދާރީ އަދާކުރުމަށް ސަމާލުކަން ދިނުމުގެ ފުރުސަތު ލިބެ އެވެ. އޮސްޓްރިއާ އަދި ރާއްޖޭގައި ހަރަކާތްތެރިވާ އެ ކުންފުނީގެ 150 އަށްވުރެ ގިނަ ފަންނީ މުވައްޒަފުން އަންނަނީ މި މަސައްކަތްތައް ބަލަހައްޓަމުންނެވެ. މިހާތަނަށް 50 އަށްވުރެ ގިނަ ތަފާތު ރަށްރަށުގައި އަދި ތަފާތު ގްރިޑްތަކުގައި މިގޮތަށް ސިސްޓަމްތައް ވަނީ ގާއިމުކޮށްފަ އެވެ.

ތިމާވެއްޓާއި ކުރިމަގު

ޝެވަލް ބްލާންކް ރަންދެލީގެ ޖެނެރަލް މެނޭޖާ ލިއޮނެލް ވެލާ ވިދާޅުވީ، ރާއްޖޭގެ ރީތިކަމަކީ ހިމާޔަތްކުރަންޖެހޭ ހަޒާނާއެއް ކަމަށެވެ. އަދި އިރުގެ ހަކަތަ ބޭނުންކުރުމަކީ ތަބީއަތުގެ ދީލަތިކަމަށް އިހުތިރާމުކޮށް، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަކީ ދުނިޔޭގެ މުސްތަގުބަލަށް މުޅި އިންސާނިއްޔަތުގެ ހައްގުގައި ކުރަންޖެހޭ ކަމެއް،" ލިއޮނެލް ވިދާޅުވި އެވެ. 

ސްވިމްސޯލްގެ ފައުންޑާ އަދި ސީއީއޯ މާޓިން ޕުޓްސެކް ވިދާޅުވި ގޮތުގައި، 2014 ގައި ބެހެއްޓި ފުރަތަމަ ޕްރޮޓޯޓައިޕްތައް މިއަދާ ހަމައަށް ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ސެވަލް ބްލާންކްގައި ގާއިމުކުރި 2.4 މެގަވޮޓްގެ ސިސްޓަމަކީ ބޮޑު ސްކޭލެއްގައި މިކަން ކުރެވޭނެކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސްވިމްސޯލްގެ ސޯލާސީ ސިސްޓަމްތައް މިހާރު ރާއްޖޭގެ އިތުރުން އިންޑޮނޭޝިއާ އަދި ޗިލީ ފަދަ ގައުމުތައް ހިމެނޭހެން 10 ސަރަހައްދެއްގައި އަންނަނީ ބޭނުންކުރަމުންނެވެ. އަދި ސީސެލްސްގެ އިތުރުން މަސް ފާމްތަކާއި އާންމު ކަރަންޓު ވިއުގަތަކަށް ވެސް މި ސިސްޓަމް ފުޅާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކުދި ޖަޒީރާ ގައުމުތަކާއި އައްސޭރިފަށުގެ ގައުމުތަކުން މި ސިސްޓަމަށް އޮންނަ ޑިމާންޑް އަންނަނީ އިތުރުވަމުންނެވެ.

ރާއްޖޭގައި ސްވިމްސޯލްގެ ހިއްސާ

މުޅި ރާއްޖޭގައި 600 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ހުރިއިރު، އޭގެ %90އަށް ވުރެ ބޮޑީ  ޑީސަލް އިން އުފައްދާ ކަރަންޓެވެ. ނަމަވެސް ސްވިމްސޯލް އިން މިހާތަނަށް ރާއްޖޭގައި 50 މެގަވޮޓްގެ ސޯލާ ކެޕޭސިޓީ އަދި 25 މެގަވޮޓްއަވާ ގެ ބެޓެރީ ސްޓޯރޭޖް ވަނީ ގާއިމުކޮށްފަ އެވެ.

އޮސްޓްރިއާއަށް ނިސްބަތްވާ ސްވިމްސޯލް އަކީ 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. އަދި އެ ކުންފުންޏަކީ ރާއްޖޭގައި ސޯލާ ހަކަތަ ފޯރުކޮށްދޭ އެންމެ އިސް ކުންފުންޏެވެ. އެ ކުންފުނިން ހާއްސަވަނީ ކުދި ގްރިޑްތަކާއި ދުރުގައިވާ ޖަޒީރާ ރަށްތަކުގެ ހަކަތައިގެ ނިޒާމުތަކަށެވެ.

މީގެ ތެރޭގައި ފްލޯޓިން ސޯލާ، ފުރާޅާއި ބިމުގައި ހަރުކުރާ ޕެނަލް، އަދި ބެޓެރީ ސްޓޯރޭޖް ހިމެނެއެވެ. ސްވިމްސޯލް އިން މި ނިޒާމުތައް ފޯރުކޮށްދެނީ ޓާންކީ ޕްރޮޖެކްޓެއްގެ ގޮތުގައި ނުވަތަ ދިގު މުއްދަތުގެ ޕަވަރ ޕަރޗޭސް އެގްރީމަންޓް (ޕީޕީއޭ) ތަކެއްގެ ދަށުންނެވެ.