މިދިޔަ އީދު ބަންދާ ދިމާކޮށް މި އަތޮޅު ލަންދޫގައި ފެތުރުނު ހުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެފި އެވެ.
ލަންދޫ ސިއްހީ މަރުކަޒުގެ އިންޗާޖް އަހުމަދު ރަޝީދު 'ނޫނު ނިއުސް'އަށް މިއަދު ބުނީ މިހާރު ހުން ޖެހިގެން ޓޮކްޓަރަށް ދައްކަމުން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އަދި އެ ހުން ފެތުރުނީ އީދު ބަންދުގެ ތެރޭގައި ކަމަށާއި ނަމަވެސް މިހާރު އާންމު ހާލަތަކަށް ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.
"މިހާރު ހުން ކޮންޓްރޯލް ވެއްޖެ. އަނެއްހެން ހުން ޖެހިގެން މިހާރު މީހުން ނުއެއް ދައްކާ،" އަހުމަދު ރަޝީދު ބުންޏެވެ.
ޖުމްލަ 600 އެއްހާ މީހުން ދިރިއުޅެމުން އަންނަ ލަންދޫގައި އޭރު ހުންޖެހިގެން ދުވާލަކު 30-20 ދޭތެރޭގެ އަދަދަކަށް މީހުން ދިޔައީ ހެލްތް ސެންޓަރަށް ދައްކަމުންނެވެ. ގަދައަށް ހުން އައުމުގެ އިތުރަށް ބޭރަށް ހިންގާ ހޮޑުލެވޭ ވެސް އެ ރޯގާގެ ސަބަބުން ވަރަށް ގިނަ ކުދިން ބަލިވެ ސްކޫލަށް ދާ ކުދިންގެ އަދަދު ވެސް މަދުވި އެވެ.
އެ ރަށު ސިއްހީ މަރުކަޒުގެ ޕޮލިޓިކަލް ޑިރެކްޓާ ސަމޫހު މިއަދު 'ނޫނު ނިއުސް'އަށް ބުނި ގޮތުގައި ބަލިވެގެން ސްކޫލަށް ނުދާ ކުދިންގެ އަދަދު މިހާރު މަދުވެ ސްކޫލަށް ދާ ކުދިން ވެސް އާންމު ހާލަތަކަށް ގޮސްފައިވާ ކަމަށެވެ.
ފެތުރެނީ ކޮން ކަހަލަ ހުމެއްތޯ ބަލަން އެ ރަށުގައި ވަނީ ސާމްޕަލް ނަގައިގެން ޓެސްޓް ހަދައިފަ އެވެ.
ސަމޫހު ބުނީ ސާމްޕަލްތައް ފޮނުވާފައި ވަނީ އައިޖީއެމްއެޗަށް ކަމަށާއި އަދި އޭގެ ރިޕޯޓްތައް ނުލިބޭ ކަމަށެވެ.
"މިހާރު ހުން ކޮންޓްރޯލްވެ އާންމު ހާލަތެއްގައި މި އޮތީ،" ސަމޫހު ބުންޏެވެ.