އަތޮޅުތަކުގެ ރައްޔިތުންނަށް އަސާސީ މުދާ އަގުހެޔޮކޮށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގައި، ރަށްރަށުގެ އެޖެންޓުންގެ ދައުރު މުހިންމު ކަމަށާއި އެ ފަރާތްތަކުގެ ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެސްޓީއޯ އިން ގިނަ ލުއިތަކެއް ދެމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީއާ ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝިމާދު ވިދާޅުވީ، މާލެއެކޭ އެއް އަގެއްގައި އަތޮޅުތަކުގެ ރަށްރަށުން ވެސް މުދާ ލިބޭނެ މަގު ފަހިކޮށްދިނުމަކީ ކުންފުނީގެ މައިގަނޑު އެއް އަމާޒު ކަމަށެވެ. އެގޮތުން ކާޑުގެ ބާވަތްތަކާއި ގޭސް އަދި ތެލުގެ އިތުރުން ސަރުކާރުން އަލަށް އިތުރުކުރި އަސާސީ ކާބޯތަކެތީގެ 26 ބާވަތް ރަށްރަށަށް ފޯރުކޮށްދިނުމުގައި އެޖެންޓުންނަކީ އެސްޓީ އޯއާއި އާންމު ރައްޔިތުން ގުޅުވައިދޭ މައިގަނޑު ފާލަން ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

އެޖެންޓުންނަށް ދޭ ލުއިތަކާއި ވިޔަފާރީގެ އުސޫލުތައް

އަތޮޅުތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަކީ އެސްޓީއޯގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވަމުން އެމްޑީ ވިދާޅުވި މުހިންމު ކަންކަން:

  • ގެއްލުން ނުވާނެ އުސޫލުތައް: އެޖެންޓުންނަށް ގެއްލުން ނުވާނެހެން އަދި ރައްޔިތުންނަށް ބުރައަކަށް ނުވާނެހެން މުދާ ވިއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދެމުން ދިއުން.
  • ނާލުގެ އެހީތެރިކަން: ޚާއްޞަކޮށް ކުދި ކާގޯތައް އަތޮޅުތަކަށް ގެންދިއުމަކީ ނާލުގެ ޚަރަދު ބޮޑު ކަމަކަށްވާތީ، އެޖެންޓުންގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ނާލު ފޯރުކޮށްދިނުން.
  • ވަސީލަތްތައް ފޯރުކޮށްދިނުން: ވިޔަފާރިއަށް ބޭނުންވާ މުހިންމު ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން.

ޝިމާދު އިތުރަށް ވިދާޅުވީ، އެސްޓީއޯގެ އެޖެންޓުންގެ ގޮތުގައި ހަމަޖައްސަނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ރަސްމީ ވިޔަފާރިތައް ކަމަށެވެ. މި އިންތިޒާމުގެ ސަބަބުން ރަށްރަށުގެ ވިޔަފާރިވެރިންނަށް ކުރިއެރުން ލިބުމުގެ އިތުރުން، އާންމު ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި ތާޒާ އަދި އަގުހެޔޮ މުދާ ރަށުން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.